ޞަހާބީންގެ ވާހަކަ ދެއްކީމާ ދެއްވީ އިނާމު- މިހާރު އަބުރުގެ ދައުވާކުރަނީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 27ސ
ޞަހާބީންގެ ވާހަކަ ދެއްކީމާ ދެއްވީ އިނާމު- މިހާރު އަބުރުގެ ދައުވާކުރަނީ ކީއްވެ؟

ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ)ގެ ޞަހާބީންގެ ވާހަކަ އެބޭކަލުން ނެތް ތަންތަނުގައި ހަޤީޤަތް އޮޅޭ ގޮތަށް ދެއްކުމުން ވަނީ އެކަންކުރާ މީހުންނަށް އިނާމު ދެއްވަވައިފައެވެ. އެއީ އެމީހުން ކުރި ކަންކަމުގެ ސަބަބުން ޤިޔާމަތް ދުވަހު ސަވާބުލިބޭނެތީއެވެ. އެގޮތުން ހަދިޔާ ފޮނުއްވާފައި އެބަހުއްޓެވެ.

އެބޭކަލުންނަށް އެ ސާބިތުކަން ލިބިވަޑައިގަތީ އެބޭކަލުން ތިއްބެވީ ޙައްޤު ގޮތުގައިކަން ޔަޤީންވެވަޑައިގަންނަވާތީއެވެ. އެއްވެސް ކުށެއް ކުރައްވާފައި ނުވާނެކަން ޔަޤީންވެވަޑައިގަންނަވާތީއެވެ.
މިހާރު މިފެންނަނީ އެމީހަކު ކުރި ކަމެއްގެ ވާހަކަ ދެއްކުމުންވެސް އަބުރުގެ ދައުވާކުރާތަނެވެ. ބިރުދައްކާތަނެވެ. އިންޒާރުދޭ ތަނެވެ. އެއީ އަބުރާ ބެހުން ކަމަށް ހަދައިގެން ގޮޅިއަކަށް ފައްތައި ބޮޑު ޖުރުމަނާއެއްކޮށް ޖަލަށް ލެއްވޭތޯ އުޅޭތަނެވެ.

ތަކުރާރުކޮށް އެތައް ހަފްތާތަކެއްވަންދެން ޣީބަ ބުނުމުގެ ނަމުގައި ވާހަކަތަކެއް ފަތުރައި މީހުން ބިރުގަންނަވައިފިއެވެ. ނަމަވެސް ޣީބަ ބުނުމުގެ މާނަ ކިޔައި ދީފައެއް ނުވެއެވެ.

ދައުލަތުގެ މަޤާމެއްގައި ހުރެގެން ޤާނޫނާއި ޚިލާފަށް ކަންކަން ކުރުމުން އެކަންކަމުގެ ވާހަކަ ދެއްކުމަކީ ޣީބަ ބުނުމެއް ނޫނެވެ. ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވުމާއި ރައްޔިތުންގެ ފައިސާއިން ވައްކަން ކުރުމާއި ކޮރަޕްޝަނުގެ އަމަލުތައް ހިންގުމާއި ދައުލަތުގެ އިސް މަޤާމުތަކުގައި ތިބެ އިސްލާމް ދީނުގެ ޙުކުމްތައް އޮޅުވައިލުމުންނާއި މުންކަރާތްތަކަށް ހިތްވަރުދިނުމުންނާއި މުންކަރާތްތަކަށް އަރައިގަތުމުންނާއި އަދި މުންކަރާތްތައް ފަތުރަން ހިތްވަރުދީ ފަތުރަން މަސައްކަތް ކުރުމުން އެކަންކަމުގެ ވާހަކަތައް ރައްޔިތުން ދެއްކުމަކީ ޣީބަ ބުނުމެއް ނޫނެވެ.

ދައުލަތުގެ މުއައްސަސާތަކުން ޢާންމުކުރާ ރިPޯޓްތަކާއި ރިޕޯޓްތަކުގައި ހުންނަ މައުލޫމާތާއި ދައުލަތުގެ މަޤާމުތަކުގައި ތިބޭ މީހުންގެ އަމިއްލަ އިއުތިރާފުން ސާބިތުވާ ކަންކަމާއި ދައުލަތުގެ މަޤާމުތަކުގައި ތިބޭ މީހުން ކުރަނިކޮށް ފެންނަ މަޤާމާއި ގުޅުންހުރި ކަންކަމުގެ ވާހަކަތައް ދެއްކުމަކީ ޣީބަ ބުނުމެއް ނޫނެވެ.

ދައުލަތުގެ ފައިސާ އިން މުސާރަ ލިބޭ ކޮންމެ މީހަކީ ރައްޔިތުންގެ ޚާދިމެކެވެ. އެއްވެސް އިސްތިސްނާއެއް ނެތެވެ. ޚާދިމުން ކުރާ ނުރަނގަޅު ކަންކަމުގެ ވާހަކަ ޞާޙިބުން ނުދައްކައި ޤައުމުގެ ކަންކަން އިޞްލާޙެއް ނުކުރެވޭނެއެވެ. ޚާދިމުންގެ އަމަލުތައް އިޞްލާޙްކުރުވުމަކީ ޞާޙިބުންގެ ޒިންމާއެކެވެ.

ޣީބަ ބުނިކަމަށްވާނީ އަމިއްލަ މީހެއްގެ ޒާތީ ކަންކަމާއި ބެހުމުންނެވެ. މީހަކާއިމެދު ދޮގު ވާހަކަ ދެއްކުމުންނެވެ. ދައުލަތުގެ މަޤާމެއްގައި ހުރި މީހަކާއިމެދުވެސް ދޮގު ވާހަކަ ފެތުރުމަކީ ޣީބަބުނުމެވެ. ހަޤީޤަތް ކަމަށްވީނަމަވެސް ދައުލަތުގެ ހައިސިއްޔަތެއް ނެތް އަމިއްލަ ފަރުދުންގެ ޒާތީ ކަންކަމާއި ބެހުމެއް ނެތެވެ. އެމީހަކު ހުރިތަނެއްގައި އެމީހެއްގެ ކުރިމަތީގައި ދައްކަން ނުކުރޭނެ ވާހަކައެއް އެމީހަކު ނެތް ތަނުގައި ދެއްކުމެއް ނެތެވެ. އެކަން ވާނީ ޣީބަ ބުނުމަށެވެ.

ވީމާ ވަކިވަކި ފަރުދުންގެ މައްޗަށް ހިނގާ ޙުކުމާއި ދައުލަތުގެ ކަންކަން ހިންގަން ހަވާލުވެ ތިބޭ ބައަކު ކުރާ ކަންކަމަކީ އެއް ނާޅިން މިނެވޭނެ ކަންކަމެއް ނޫނެވެ.

(މިލިޔުން ލިޔެފައި މިވަނީ ރާއްޖޭގެ އިސް 3 ދީނީ ޢިލްމުވެރިން ދެއްވި މައުލޫމާތުގެ މައްޗަށެވެ.)
މިއަދު އޮންލައިން