ޖުމްހޫރީ ޕާޓީގެ ލޯގޯ އާއި ދިދަ ހިފެހެއްޓުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށާއި އެކަމުގެ ސަބަބުން ލޯކަލް ކައުންސިލް އިންތިޚާބުގައި ގިނަ ހުރަސްތަކެއް އެޅުނު ކަމަށާއި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައިވެސް ވަރަށް ގިނަ ދަތިތައްތައް ކުރިމަތިވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު ޢަބްދުﷲ ކަމާލުއްދީން (އޭކޭ) ވިދާޅުވެއްޖެއެވެ.
ޢަބްދުﷲ ކަމާލުއްދީން ވިދާޅުވީ ޖޭޕީގެ ދިދަ އާއި ލޯގޯ ބޭނުންކުރުން ހުއްޓުވާފައިވަނީ އެއްވެސް ޤާނޫނެއްގެދަށުން ނޫން ކަމަށެވެ. "ސައުދީ ދިދައިގަ އިނދޭ ކަނޑިއެއް. ދެން މަނާވީތޯ އެއްވެސް ކަނޑިއެއްގެ ލޯގޯ އެހެން ބައަކު ބޭނުންކުރަން؟ އެހެނެއް ނޫނެއްތޯ ދުނިޔޭގަ ކަންކަން ހިނގަމުން މިދަނީ؟"
"ރައީސުލްޖުމްހޫރިއްޔާގެ ނަންފުޅަކީ ޢަބްދުﷲ ޔާމީން. އެނަން ކިޔާ މީހުން ބައިވަރު އެބައުޅޭ. ދެންވީ އެ އެންމެންގެ ނަން ބަދަލުކުރަންތޯ؟ އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅަށް ހިލާލީގެ ކިޔާތީ ރާއްޖޭގަ ހުރި އެ ނަން ކިޔާ ހުރިހާ ގެތަކުގެ ނަން ބަދަލުކުރަންޖެހޭނެތޯ؟" ޖުމްހޫރީ ޕާޓީން ވަނީ ސުވާލު އުފައްދައިފައެވެ.
ޢަބްދުﷲ ކަމާލުއްދީން ވިދާޅުވީ މިކަމާއި ގުޅިގެން ކޯޓަށް މައްސަލަ ހުށަހެޅިތާ އެތައް ދުވަހެއް ފާއިތުވެގެންދިއައިރުވެސް ގޮތެއް ނުނިންމާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އަދި މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ކުރިން ކޯޓުން އަދުލުވެރި ޙުކުމެއް ކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ޢަބްދުﷲ ކަމާލުއްދީން ވިދާޅުވިއެވެ.