ވޯޓުފޮށްޓާ ހަމައަށް ދާންވާއިރަށް އިޚްލާޞްތެރިކަން އިޚްތިޔާރުކުރަންޖެހޭ: ރައީސް ޔާމީން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 44ސ
ވޯޓުފޮށްޓާ ހަމައަށް ދާންވާއިރަށް އިޚްލާޞްތެރިކަން އިޚްތިޔާރުކުރަންޖެހޭ: ރައީސް ޔާމީން
ވޯޓުފޮށްޓާއި ހަމައަށް ދާންވާއިރަށް އިޚްލާޞްތެރިކަން އިޚްތިޔާރުކުރަންޖެހޭ ކަމަށާއި އެހެން ނޫނީ މާތް ﷲ ތައުފީޤް ނުދެއްވަވާނެކެމަށް ރައީސް ޢަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ޕީޕީއެމުން މިރޭ ރުމާލް 2 ގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ ނުކުރާ މަސައްކަތަކަށްވެސް މާތް ﷲ ރަޙްމަތް މިންވަރު ނުކުރައްވަވާނެ ކަމަށާއި ހުރިހާ ރަށެއްގެ ރައްޔިތުންގެ ބޭނުންތައް ފުއްދައިދޭންވެސް މަސައްކަތްކުރަން ޖެހޭނެ ކަމަށެވެ.



ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގައި ހިންގާ ކަންކަން ރައްޔިތުންގެ ގިނަ ބައަކު ޤަބޫލު ނުކުރާނަމަ އެއީ ޑިމޮކްރަސީގައި ހުރި މައްސަލައެއް ނޫން ކަމަށާއި ޑިމޮކްރަސީއަކީ ޤައުމުގެ ކަންކަން ރައްޔިތުންގެ ގިނަ ބައަކު ބޭނުންވާ ގޮތަށް ކުރިއަށް ގެންދިއުން ކަމަށެވެ.

ޕީޕީއެމުން އިންތިޒާމުކޮށްގެން ރުމާލް 2 ޖަގަހައިގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ ޑިމޮކްރަސީގެ އުޞޫލުތަކުން ވެރިކަންކުރާ ބައެއް ޤައުމުތަކުގެ ޤާނޫނު އަސާސީގައި އެޤައުމުގެ ރަސްމީ ދީނެއް ނުވަތަ ދީންތަކެއް ކަނޑައަޅާފައި ނުއޮންނަ ކަމަށާއި ނަމަވެސް ރާއްޖޭގެ ޤަނޫނު އަސާސީގައި ވަނީ ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީން ކަމަށް ކަނޑައަޅާފައި ކަމަށެވެ. އެހެންކަމުން ޑިމޮކްރަސީގައި އަމަލުކުރާ ގޮތްތައް ތަފާތުވެދާނެ ކަމަށެވެ.



ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގެ ކަންކަން ނިންމަން ބަސްބުނުމުގެ ޙައްޤު ދޭންޖެހޭނީ އިސްލާމް ދީން ޤަބޫލުކުރާ މީހުންނަށް ކަމަށެވެ. "މުސްލިމް ބައްޕައެއްގެ ހުރެދާނެ ދަރިއެއް އިސްލާމް ދީން ޤަބޫލުނުކުރާ. އެހެންވެއްޖެނަމަ އެ ދަރިއަކަށް ބައްޕަގެ މުދަލަކުން ނުލިބޭނެ. އެހެންވީމާ ކީއްވެގެންތޯ ރާއްޖޭގެ ކަންކަން ނިންމަން ބަސްބުނުމުގެ ބާރު އިސްލާމް ދީން ޤަބޫލުނުކުރާ، ނުވަތަ އިސްލާމް ދީނުގަ ހުރި ބައެއް ކަންކަމާހުރެ އުނދަގޫވެގެން އުޅޭ މީހަކަށް ދޭންޖެހެންވީ؟ ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ޤައުމެއް. އެހެންވީމާ މައިން ބަފައިންގެ ތަރިކައިން ވާރުތަ ނުވާ އެއްޗެއް ޤައުމުން ދޭންޖެހޭނެ ކަމަކަށް އަޅުގަނޑަކަށް ނުވިސްނޭ." ރައީސް ޔާމީން ވަނީ ސުވާލުކުރައްވައިފައެވެ.
މިއަދު އޮންލައިން