ހައްޔަރުކުރެވުނު ބައެއް ބޭފުޅުންގެ ފޯނު ދިނުމަށް ފުލުހުން އެދުނީ ހެކި ހޯދަން ކަމަށާއި އަދި ފޯނު ނުދިނީ ހެކި ފޮރުވަން ކަމަށާއި އެކަމަށް ޙުކުމެއް އަންނާނެ ކަމަށް ރައީސް ޢަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ރުމާލު 2 ގައި މިރޭ ބޭއްވި ޕީޕީއެމްގެ ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ ތުހުމަތު ކުރެވޭ ކަންކަމަށް ހެކި ހޯދަން ފޯނަކީ ވަރަށް މުހިންމު އެއްޗެއް ކަމަށާއި ކުރަން ރާވާފައި ހުންނަ ވަރަށް ގިނަ ކަންކަމުގެ މައުލޫމާތު ފޯނުގައި ހުންނާނެ ކަމަށެވެ. އެއިގެ ތެރޭގައި ކުރަން ކަނޑައަޅާ ކަންކަން ކުރާނެ ގޮތާއި ވަގުތާއި ކުރާނެ މީހުންގެ މައުލޫމާތުވެސް ހުންނާނެ ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ ކަޅުފޮށިން ފުލުހުންނަށް ލިބިފައިވާ މައުލޫމާތު ޤަބޫލުފުޅު ކުރައްވަވާ ކަމަށާއި އެކަންކަމުގެ މައުލޫމާތުވެސް ފޯނުގައި ހުންނާނެ ކަމަށެވެ. ކުށުން ބަރީއަވާން ބޭނުންނަމަ ކީއްވެތޯ ފޯނު ނުދިނީ؟
ރައީސް ޔާމީން ވިދާޅުވީ ބޭންކެއް ފަޅާލުން ފަދަ ކަމެއް ކުރަން އުޅޭކަމަށް ތުހުމަތު ކުރެވުނީމާ ތުހުމަތުކުރެވޭ މީހުންގެ ފޯނު ދޭން ބޭރުގެ ކޯޓުތަކުން ވެސް އަންގާ ކަމަށާއި ނުދިނުމުން ހުކުމެއް އަންނަ ކަމަށެވެ. އަދި ރާއްޖޭގައި ފޯނު ދޭން ދެކޮޅު ހަދައި، ފޯނު ހުޅުވައިދޭން ދެކޮޅު ހެދުމުން މަޖިލިސް މެންބަރަކަށް މިހާރުވެސް ޙުކުމެއް އައިސްފައިވާ ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ ހެކި ފޮރުވަފާނެކަމަށް ނުވަތަ ހެކި ނައްތައިލަފާނެކަމަށް ތުހުމަތުކުރެވުނީމަ ބަންދުގައި ބަހައްޓަން ރާއްޖޭގެ ޤާނޫނު އަސާސީގައި އޮންނަ ކަމަށެވެ. އެހެންކަމުން ރާއްޖޭގެ އެންމެ މަތީ ފެންވަރުގެ ބޭފުޅުން އެފަދަ ކަމެއް ކުރެއްވުމުން އެބޭފުޅުންނާއި އެންމެ އާދައިގެ މީހުންނާއި އެއްވެސް ތަފާތެއް ނެތް ކަމަށެވެ. ޙުކުމްވެސް އަންނާނީ ހަމަ އެއްގޮތަކަށް ކަމަށެވެ.
ރާއްޖެއަށް ޒިޔާރަތްކުރައްވާ ބޭރުގެ ފަރާތްތަކުންވެސް އެދެނީ ޤާނޫނުގެ ހުކޫމަތު ދަމަހައްޓަން ކަމަށާއި އެމަނިކުފާނު ގެންދަވަނީ އެއްވެސް މީހަކަށް ތަފާތުކުރުމެއް ނެތި އެކަން ކުރައްވަމުން ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.