ލީކުކޮށްލާފައިވަނީ ސައްހަ ބަޔާންތަކެއް، މައްސަލަ މި ދަނީ ބަލަމުން: ފުލުހުން

ކިޔުމަށް ހޭދަވާނީ 1މ 36ސ
ލީކުކޮށްލާފައިވަނީ ސައްހަ ބަޔާންތަކެއް، މައްސަލަ މި ދަނީ ބަލަމުން: ފުލުހުން

ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ ބަޔާންތަކަކީ މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސްޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ކުރަމުން އަންނަ ތަހުޤީޤުތަކަށް ނަގާފައިވާ ސައްހަ ބަޔާންތަކެއް ކަމަށާއި އެ މައްސަލަ ވަރަށް ސީރިއަސްކޮށް ބަލަމުންދާކަމަށް ފުލުހުން ބުނެފިއެވެ.

ސޯޝަލް މީޑިއާގައި ލީކުކޮށްލާފައިވާ ބަޔާންތަކުގެ ތެރޭގައި ދެ ޤާޒީއަކާއި ފުލުހުންތަކެއްގެ އިތުރުން އާންމު ފަރުދަކު ފުލުހުންނަށް ދީފައިވާ ސިއްރު ބަޔާންތަކެއް ހިމެނެއެެވެ. އޭގެ އިތުރުން، ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓު ވެސް ވަނީ ރޭ ސޯޝަލް މީޑިއާގައި ލީކުކޮށްލައިފައެވެ.

މިކަމާ ގުޅިގެން، މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސް ކޮންފަރެންސެއްގައި ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ ސިއްރު ބަޔާންތައް ސޯޝަލް މީޑިއާގައި ލީކުކޮށްލާފައިވަނީ އެ މައްސަލާގައި ތުހުމަތުކުރެވޭ ބައެއް ނުފޫޒުގަދަ ފަރާތްތަކުން ރާވައިގެން އެ ބަޔެއްގެ ނުފޫޒު ފޯރުވައިގެންކަމަށާއި، އެ މައްސަލަ ސީރިއަސްކޮށް ބަލަމުންދާ ކަމަށެވެ.

ޝިފާން ވިދާޅުވީ އެކަން ކުރި ފަރާތްތަކުގެ މައްސަލަ ބަލައި ތަހުޤީޤުކުރުމަށްފަހު އެ ބަޔެއްގެ މައްޗަށް ދައުވާކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވާނެކަމަށެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ނެރުނު އަމުރާ ގުޅިގެން ސަރުކާރު ވައްޓާލަން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކުރި ފަރާތްތަކުގެ ތެރޭގައި އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސައީދާއި، ފަނޑިޔާރު ޢަލީ ހަމީދާއި، ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ ދަރިކަލުން އަދި ވިލާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ސިޔާދު ޤާސިމާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، ސިފައިންނާއި ފުލުހުންގެ ބައެއް ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.

އޭގެ ތެރެއިން ބައެއް ބޭފުޅުންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައި ޝަރީއަތްތައް ވެސް ވަނީ ފަށައިފައެވެ.

މިއަދު އޮންލައިން