ބީއެމްއެލް އިސްލާމިކް އިން މިއަދު ޕަރސަނަލް ފައިނޭންސިންގ ތައާރަފްކޮށްފިއެވެ. މިއީ އިސްލާމީ އުސޫލުތަކުގެ މަތިން މަހުން މަހަށް ފައިސާ ދައްކާގޮތަށް އަމިއްލަ ފަރުދުންނަށް އެއްލައްކަ ރުފިޔާއާ ހަމައަށް މުދާ ގަނެވޭ ޚިދުމަތެކެވެ. މި ޚިދުމަތަށް އެދޭ ފަރާތަތްކަށް ޚިދުމަތަށް އެދޭތާ 7 ދުވަސްތެރޭ ފައިނޭންސިންގ ހަމަޖެހޭނެއެވެ.
މި ޚިދުމަތް ތައާރަފްކުރުމުގެ ގޮތުން މިއަދު ހެނދުނު ބޭންކް އޮފް މޯލްޑިވްސްގެ މައި އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑައިރެކްޓަރ އޮފް ބީއެމްއެލް އިސްލާމިކް ޒުލްގަރުނައިން ތަމާން ވިދާޅުވީ އިސްލާމީ އުސޫލުތަކުގެ މަތިން ދެވޭ އިތުރު ޚިދުމަތެއް މިއަދު ތައާރަފްކުރެވޭކަމީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި މި ޚިދުމަތާއެކު އިސްލާމީ އުސޫލުތަކުގެ މަތިން ރާއްޖޭގައި މިވަގުތު ލިބޭ އެންމެ ރަނގަޅު ފައިނޭންސިންގ ޚިދުމަތުގެ ފައިދާ ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށެވެ.
ބީއެމްއެލް އިސްލާމިކް ޚިދުމަތްތައް ފަރުމާ ކުރެވިފައިވަނީ އިސްލާމިކް ބޭންކިންގ އާ ގުޅޭ ބައިނަލްއަޤްވާމީ އެންމެ ރަނގަޅު އުސޫލުތަކަށް ބިނާކޮށް، ޝަރުޢީ ހަމަތަކަށް ފުރިހަމައަށް ފެތޭ ގޮތުގެ މަތިންނެވެ. ކަސްޓަމަރުން ޑިޕޮސިޓްކުރާފައިސާ ބަހައްޓަނީވެސް މުޅިން ވަކި ފަންޑެއްގެ ގޮތުގައެވެ. އަދި އެ ފައިސާ ބޭނުންކުރަނީ އިސްލާމީ ޝަރުޢީ ހަމަތަކަށް ފެތޭ ކަންކަމަށެވެ. އަދި މި މަސައްކަތްތައް ހިނގަމުންދަނީ އިސްލާމިކް ފައިނޭންސިންގެ ބައިނަލްއަގްވާމީ ތަޖުރިބާކާރުން ހިމެނޭ ގޮތަށް އެކުލަވާލެވިފައިވާ ޝަރީޢާ އެޑްވައިޒަރީ ކޮމިޓީއެއްގެ ބެލުމުގެ ދަށުންނެވެ.