މިދިޔަ އަހަރުން ފެށިގެން ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފް ސަރުކާރު ވައްޓާލަން މަސައްކަތް ކުރި ކަމަށް ދައުލަތުން ކްރިމިނަލް ކޯޓުގައި މިއަދު ބުނެފިއެވެ.
ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ސީޕީ އަރީފްގެ ދައުވާގެ އަޑުއެހުންތަކެއް ކްރިމިނަލް ކޯޓުގައި މިއަދު ފަށާފައިވާއިރު، އެމައްސަލައިގާ ޝަރީއަތް ނިމެންދެން ސީޕީ އަރީފް ބަންދު ކުރަން އެކޯޓުން ވަނީ އަމުރު ކޮށްފައެވެ.
މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވުނު މިދައުވާގެ އަޑުއެހުމުގައި ދައުލަތުގެ ވަކީލު ނައުޝާދު ވިދާޅުވީ، ސީޕީ އަރީފް ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި ހުންނަވައިގެން މިދިޔަ އަހަރުން ފެށިގެން ސަރުކާރު ވައްޓާލަން މަސައްކަތް ކުރެއްވި ކަމަށެވެ. އަދި އެކެއް ފެބްރުއަރީ ގައި ސުޕްރީމް ކޯޓުގެ އަމުރު ނެރުމުގެ ކުރިން އެކަމަށް ދުރާލާ އަރީފް ތައްޔާރުވި ކަމަށާއި ފުލުހުންގެ ތެރޭގައި އޮންނަ އުސޫލުތަކާ ޚިލާފަށް ސީޕީ އަރީފް ބޭނުންވާ ބައެއް ފުލުހުންތަކެއް، އެއަމުރު ނެރެންވާއިރަސް މަގުމައްޗަސް ނެރެން ތައްޔާރުކުރި ކަމަށް ވެސް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.