ރާއްޖޭގައި ފަތުރުވެރިކަން ފަދައިން އިތުރު ސިނާއަތްތަށްވެސް ތަރައްޤީކުރުމުގެ ފުރުޞަތު އެބައޮތްކަމަށާއި އެކަމުގެ އެއް ހެއްކަކަކީ އެމްޕީއެލްއަށް ލިބެމުން އަންނަ ކުރިއެރުން ކަމަށް އިޤްޠިޞަދީ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
"މާމިގިލި އިންޓަރނޭޝަނަލް ޕޯޓް" ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މުޙައްމަދު ސައީދު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމަށް އަދިވެސް އޮތީ ވަރަށް އުޖާލާ މުސްތަޤްބަލެއް ކަމަށެވެ. އިންވެސްޓަރުން ސިއްސުވައިލާފަދަ ރީތި ރަށްތައް ރާއްޖޭގައި އަދިވެސް ތަރައްޤީ ނުކުރެވި އެބަހުރި ކަމަށާއި ރާއްޖޭގައި ފަތުރުވެރިންނަށް ކޮޓަރި ވިއްކާ އަގަށް ބަލައިފިނަމަ ދުނިޔޭގެ އެންމެ އަގު ބޮޑު 5 ޤައުމުގެ ތެރޭގައި ރާއްޖެ ހިމެނޭނެ ކަމަށެވެ.
މުޙައްމަދު ސަޢީދު ވިދާޅުވީ 2009 ވަނަ އަހަރަށް ބަލައިފިނަމަ އެމްޕީއެލް އިން ހެންޑްލްކޮށްފައިވަނ 49،600 ކޮންޓޭނަރު ކަމަށާއި 2017 ވަނީ 106،800 ކޮންޓޭނަރު ހެންޑްލްކޮށްފައި ކަމަށެވެ. އެހެންކަމުން އެމްޕީއެލް އިން ވަނީ ވަރަށް ބޮޑު ކުރިއެރުމެއް ހޯދާފައި ކަމަށެވެ. "ސަރުކާރުގެ އަމާޒަކީ 180،000 ކޮންޓޭނަރަށް އިތުރުކުރުން."
އެ މަސައްކަތަކުން ރާއްޖޭގެ އިޤްޠިޞާދަށް ފައިދާ ކުރާނެ ކޮންމެ މަސައްކަތެއްވެސް، ސިނާއަތެއް ވެސް ސަރުކާރުން ތަރައްޤީކުރާނެ ކަމަށާއި އެކަމަށްޓަކައި ކިތަންމެ ބޮޑު ތަކުލީފެއް އުފުލަން ޖެހުނު ނަމަވެސް އެކަން ކުރާނެ ކަމަށް ވެސް ސަޢީދު ވިދާޅުވިއެވެ. "މާލެ އާ ހުޅުމާލެ ގުޅައިލަދޭ ބްރިޖް، އެއާޕޯޓް ތަރައްޤީކުރަން ކުރިއަށް ގެންދާ 1 ބިލިއަން ޑޮލަރުގެ މަޝްރޫއު، ޔޫތް ސިޓީ އަކީ އެކަމުގެ ހެކިތައް" ކަމަށްވެސް ސައީދު ވިދާޅުވިއެވެ.
ވިލާ ގްރޫޕުން މާމިގިލީގައި ތަރައްޤީކޮށްދީފައިވާ ބަނދަރު މިއަދު ހުޅުވުނީ "26 ވަރަކަށް ވަޒިފާ އާއިއެކުގައި ނަމަވެސް ބަނދަރު ހިނގައިގަތުމުން އެ އަދަދު އިތުރުވެގެންދާނެ. މި ބަނދަރުގެ ސަބަބުން މާގިލީ ރައްޔިތުންނަށާއި އަދި އަތޮޅާއި ސަރަހައްދަށް ފައިދާ ތަކެއް ކުރާނެ" ކަމަށްވެސް މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.