ރައީސް މައުމޫނުގެ ދަރިކަނބަލުން ޔުމްނާ މައުމޫން މިއަދު ވިދާޅުވީ ބ ބައްޕާފުޅާއި ބައްދަލްކުރެއްވުމަށް މަންމާފުޅު ނަސްރީނާ އިބްރާހިމް މިއަދު މާފުށީ ޖަލަށް ވަޑައިގެންނެވިކަމަށާއި ބައްދަލްވުމަށްފަހު ބައްޕާފުޅުގެ ހާލުކޮޅު ރަނގަޅު ނޫންކަމަށް މަންމާފުޅު ވިދާޅުވެފައިވާކަމަށެވެ. އެހެންކަމުން ބައްޕާފުޅުގެ ސިއްހީ ހާލުކޮޅާއިމެދު ކަންބޮޑުވެވަޑައިގަންނަވާކަމަށެވެ.
އެޕްރިލް މަހުގެ 26 ވަނަ ދުވަހު އެޗްއާރުސީއެމްގެ މެންބަރުންނާއި ބައްދަލްކުރައްވައި ދެއްކެވި ވާހަކަތަކާއި ގުޅިގެން މިހައިތަނަށް އެކޮމިޝަނުން އެއްވެސް ފިޔަވަޅެއް އަޅާފައިވޭތޯ ސާފުކޮށްދެއްވުމަށް އެދި ވަޑައިގެން ނަސްރީނާ އިބްރާހިމް މިއަދު ވަނީ އެޗްއާރުސީއެމަށް ސިޓީފުޅެއް ފޮނުއްވައިފައެވެ.
މި ސިޓީގައި ނަސްރީނާ އިބްރާހިމް ވަނީ ރައީސް މައުމޫން ޖަލުގައި އެކަހެރިކޮށް ބަންދުކޮށްފައިވަނިކޮށް ސިއްހީ ނުރައްކަލެއް ކުރިމަތިވުމުގެ ފުރުސަތު އޮތުމުން އެކަމާއި ކަންބޮޑުވުން ފާޅުކުރައްވާ އެޗްއާރުސީއެމްގެ ސަމާލުކަމަށް އެކަން ގެންނަވާފައެވެ. އަދި އެމަނިކުފާނުގެ އުމުރުފުޅާއި، ސިއްހީ ހާލުކޮޅަށް ބެއްލެވުމަށްފަހު އެމަނިކުފާނަށް ލިބިވަޑައިގަންނަވަންޖެހޭ ހައްގުތައް ލިބިވަޑައިގަންނަވަންޖެހޭނެކަމަށްވެސް ނަސްރީނާ އިބްރާހިމް ވަނީ ވިދާޅުވެފައެވެ.
ރައީސް މައުމޫންގެ ހާލުކޮޅު ރަނގަޅު ނޫންކަމަށް އާއިލާއިން ހާމަކޮށްފައިވާއިރު، އެމަނިކުފާނަށް ތާއީދުކުރައްވާ ފަރާތްކުންނާއި، ގުޅިފައިވާ ސިޔާސީ ޕާޓީތަކުންވެސް ދަނީ ރައީސް މައުމޫނުގެ ހާލުކޮޅާއިމެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ.
Worried to hear from my mother that my father @maumoonagayoom is not doing well today