ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތުގެ މިއަދުގެ އަޑުއެހުން ކެންސަލްކޮށްފިއެވެ.
މިއަދު ހެނދުނު 11:00 ޖަހާއިރަށް ތާވަލުކުރި ޝަރީއަތުގެ އަޑުއެހުން ކެންސަލްކުރިކަން ކްރިމިނަލް ކޯޓުން ޔަޤީންކޮށްދިން ނަމަވެސް އެ އަޑުއެހުން ކެންސަލްކުރި ސަބަބެއް ކޯޓުން ހާމައެއް ނުކުރެއެވެ.
މިއަދު ބާއްވަން ތާވަލުކުރި ޝަރީއަތުގެ އަޑުއެހުމަކީ ރައީސް މައުމޫންގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމް ދައުވާގެ ދެވަނަ އަޑުއެހުމެވެ. އެ ޝަރީއަތުގެ ފުރަތަމަ އަޑުއެހުމުގައި ރައީސް މައުމޫން ވަނީ އެމަނިކުފާނުގެ އުމުރުފުޅަށާއި ޞިއްޙީ ހާލަތަށް ރިއާޔަތްކޮށް ކުޑަމިނުން އެމަނިކުފާނު ގޭބަންދަށް ބަދަލުކޮށްދިނުމަށް ޤާޒީގެ އަރިހުގައި އެދިވަޑައިގެންފައެެވެ. އެހެން ނަމަވެސް ޤާޒީ ހައިލަމް ނިންމާފައިވަނީ ރައީސް މައުމޫންގެ ބަންދު ރިވިއުކުރަންޖެހޭ ތަނެއްނެތް ކަމަށެވެ.
ޝަރީއަތުގެ ފުރަތަމަ އަޑުއެހުމުގައި ވަކީލެއް ހޯދުމަށް ރައީސް މައުމޫނަށް ޤާޒީ ވަނީ ދެ ދުވަހުގެ މުއްދަތެއް ދެއްވައިފައެވެ.
ޝަރީއަތް ނިމެންދެން ޖަލު ބަންދުގައި ބަހައްޓަވާފައިވާ ރައީސް މައުމޫންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާގެ އިތުރުން އަދުލު އިންސާފު ޤާއިމުކުރުމަށް ހުރަސް އެޅިކަމުގެ ދައުވާ ވެސް ވަނީ ދައުލަތުން އުފުލައިފައެވެ.
މިދިޔަ ފެބްރުއަރީ ފުރަތަމަ ދުވަހު ސްޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން، ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލާފައިވަނީ ކުރީގެ ރައީސް މައުމޫނާއި، އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސައީދާއި، ފަނޑިޔާރު ޢަލީ ހަމީދާއި، ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެންބަރުންގެ މައްޗަށެވެ.