ޕީޕީއެމް އިން ހިންގާ ސިޔާސީ މަސައްކަތްތައް ރޯދަ މަހަށް މަޑުޖައްސައިލާނެ ކަމަށާއި ނަމަވެސް ޕާޓީގެ ޓީމްތައް އަތޮޅުތަކަށް ދަތުރުކޮށް ރައްޔިތުންނާއި ބައްދަލުކުރަމުން ގެންދާނެ ކަމަށް ޕީޕީއެމުން ބުނެފިއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެމުން ޕާޓީގެ ނައިބް ރައީސް ޢަބްދުއްރަޙީމް (އަދުރޭ) ވިދާޅުވީ ރައްޔިތުންނާއި ބައްއްދަލުކުރަނީ ޕާޓީއާ ގުޅުން ބަދަހިކުރަން ކަމަށެވެ.
އަދުރޭ ވިދާޅުވީ ސިޔާސީ ރަސްމީ ހަރަކާތްތައް މަޑުޖައްސާލުމުގެ ކުރިން މިމަހުގެ 10 ވަނަ ދުވަހުގެ ރޭ އަލިމަސް ކާނިވަލުގައި ވަރަށް ވަރުގަދަ ރެލީ އެއް ބާއްވާނެ ކަމަށާއި އެ ރެލީގެ ނަމަކީ "ހެސްކިޔާފަ" ކަމަށެވެ. އަދި "ހެސްކިޔާފަ" ރެލީގައި ރައީސް ޢަބްދުﷲ ޔާމީން ވަރަށް މުހިންމު ތަޤްރީރެއް ކުރައްވަވާނެ ކަމަށެވެ.
އަދުރޭ ވިދާޅުވީ މިސަރުކާރުން ރަށްތައް ތަރައްޤީކުރަމުންދާ ބާރުމިނުން ރަށަކަށް ދިޔަ ނަމަވެސް މިހާރު ކަމަކަށް ބޭނުންވެގެން މާގިނަ ކަންކަމަށް ނުއެދޭ ކަމަށެވެ. ދާދިފަހުން އުތުރަށް ކުރި ދަތުރެއްގައި ދިޔަ ރަށަކުން ވެސް އެދުނީ އެންމެ ކަމަކަށް ކަމަށާއި އެއީ އެރަށުގައި ހުރި އައިސްޕްލާންޓުގެ އިންޖީނު އޯވަރހޯލްްކޮށްލަ ދިނުން ކަމަށެވެ.