ބައެއް ހޮޓާތަކާ ތަރުކާރީ ވިއްކާ ފިހާރަތަކުގަ މީދާ އެބައުޅޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
ބައެއް ހޮޓާތަކާ ތަރުކާރީ ވިއްކާ ފިހާރަތަކުގަ މީދާ އެބައުޅޭ!
މާލޭގައި ހުރި ބައެއް ހޮޓާތަކާއި ތަރުކާރީ ވިއްކާ ފިހާރަތަކުގައި މީދާ އެބައުޅެއެވެ. އެކަމުގެ ހިތް ހަމަނުޖެހުންވެސް ކަސްޓަމަރުން ގެންދަނީ ފައުޅުކުރަމުންނެވެ.

މިދިއަ ހަފްތާގައި ހޮޓަލެއް ފަތިހު ހުޅުވި ވަގުތު އެތަން ހިންގާ ވެރިމީހާ އިން މޭޒުގެ މައްޗަށްވެސް މީދަލެއް ވަނީ ފުންމާލައިފައެވެ. ތަރުކާރީ ވިއްކާ ފިހާރައެއްގެ ކޭޝިއަރަކު ވަޒީފާއިން ވަކިވުމަށްފަހު ބުނީ ވަޒީފާ ދޫކޮށްލީ ފިހާރައިގެ ކައުންޓަރު މައްޗަށް މީދާ އަރާތީ ބިރުން އިންނަން ނުކެރިގެން ކަމަށެވެ.

އެޗްޕީއޭ އިން ގެންދަނީ މިއަހަރުގެ ރޯދަ މަހަށް ޚާއްޞަކޮށްގެން ޞިއްހަތަށް ފައިދާ ހުރި ކާނާ އާއި ބެހޭ މައުލޫމާތު މީޑިއާތައް މެދުވެރިކޮށް ފޯރުކޮށްދޭން މަސައްކަތްކުރަމުންނެވެ. އެއީ ހަމަ ވަރަށް މުހިންމު ކަމެއް ކަމަށް ބެލެވެއެވެ.

ރަމަޟާން މަހަކީ ތަރުކާރީ އާއި މޭވާގެ ބާވަތްތައް އެންމެ ގިނައިން ބޭނުންކުރާ މަހެވެ. އަދި ތަފާތު ސަބަބުތަކާއި ހުރެ ރެސްޓޯރަންޓްތަކުން ކާންޖެހޭ ބައަކުވެސް އުޅެއެވެ.

އެހެންކަމުން ރަމަޟާން މަސް އައުމުގެ ކުރިން ފިހާރަތާއި ހޮޓާތައް މީދާ ފަދަ ތަކެތިން ސަލާމަތް ކުރެވިފައި ހުރިކަން ބަލައިލުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ގިނަ ބައަކު ފާހަގަކުރެއެވެ.

ރަމަޟާން މަހަށް ޚާއްޞަކޮށްގެން ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޤައުމުތަކުގައިވެސް މިފަދަ އޮޕަރޭޝަންތައް ހިންގައެވެ. އެގޮތުން ދުބާއީގައި މިއަހަރު ހިންގާ އޮޕަރޭޝަނުގައި މިހައިތަނަށް ވަނީ 44 ހޮޓާ/ރެސްޓޯރަންޓް ބަންދުކުރަންޖެހިފައެވެ.

ދުބާއީގައި ހިންގާ އޮޕަރޭޝަން ހިންގަނީ ދެބައަކަށެވެ. އެއްބައިގައި ހޮޓާތަކަށް ވަދެ ޗެކުކުރަނީ ޔުނިފޯމް އަޅައިގެން ތިބޭ ހެލްތް އޮފިސަރުންނެވެ. ދެވަނަ ބައިގައި ހެލްތް އޮފިސަރުން ތަންތަނަށް ވަންނަނީ އެއީ ކޮން ބައެއްކަންވެސް ނުއެނގޭ ގޮތަށް ކަސްޓަމަރުން ކަމަށް ހެދިގެންނެވެ.
މިއަދު އޮންލައިން