ވަކި މީހަކު ބުނާ ގޮތަށް ޙުކުމް ކުރަން ފަނޑިޔާރުން ބޭނުންވޭތަ؟ ފަނޑިޔާރުންގެ ހުވާކުރަން ޖެހޭނެތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 20ސ
ވަކި މީހަކު ބުނާ ގޮތަށް ޙުކުމް ކުރަން ފަނޑިޔާރުން ބޭނުންވޭތަ؟ ފަނޑިޔާރުންގެ ހުވާކުރަން ޖެހޭނެތަ؟
ޙުކުމް ކުރަނީ ވަކި މީހަކު ބުނާ ނުވަތަ އަންގާ ގޮތަށް ކަމަށްވާނަމަ އެކަން ކުރަން ފަނޑިޔާރުން ބޭނުންވޭ ހެއްޔެވެ؟ އެކަމަކީ ހަމަ ކޮންމެ މުވައްޒަފަކަށްވެސް ކުރެވޭނެ ކަމެއް ނޫން ހެއްޔެވެ؟ ފަނޑިޔާރުކަމުގެ ހުވާގައި އޮންނަނީ ވަކި މީހަކު ބުނާ ގޮތަށް ޙުކުމް ކުރަންހެއްޔެވެ؟ ވަކި މީހަކު އަންގާ ގޮތަށް ޙުކުމް ކުރާ މީހާއަކީ ފަނޑިޔާރަކަށް ވޭހެއްޔެވެ؟

މިއީ ސޯޝަލް މީޑިއާގައި ދާދިފަހުން ލީކުވެފައިވާ ލިޔުންތަކާއި ގުޅިގެން ގިނަ ބައަކު އުފައްދަމުން ގެންދާ ސުވާލުތަކެވެ.

"ފަނޑިޔާރު" ދިވެހި ބަހުން ކިޔައި އުޅެނީ މައްސަލަ ބެލުމަށްފަހު އަދުލަށް ޙުކުމްކުރާ މީހާއަށެވެ. ވަކި މީހަކު އަންގާ ގޮތަށް ޙުކުމްކުރާ މީހާއަކަށް ނޫނެވެ. ވަކި މީހަކު އަންގާ ގޮތަށް ޙުކުމް ކުރާނަމަ އެމީހަކީ ފަނޑިޔާރެއް ނޫނެވެ. އެއީ ރޮބޮޓެކެވެ. އެއީ އެމީހާގެ އަމިއްލަ ވިސްނުމުން މަސައްކަތްކުރާ މީހެއް ނޫނެވެ. އަދި ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއާއި އެއްގޮތަށް އަމަލުކުރާ މީހެއްވެސް ނޫނެވެ.

ވީއިރު އެއުޞޫލުން މަސައްކަތްކުރާ ރޮބޮޓުންނަށް ފަނޑިޔާރުންގެ މުސާރަ ހަލާލްވާނެ އެއްވެސް ގޮތެއް އޮންނާނެ ހެއްޔެވެ؟ ފަނޑިޔާރުންގެ މަޤާމުގައި އެފަދަ މީހުން ބައިތިއްބަން ޖެހޭނެ ހެއްޔެވެ؟ އެފަދަ ފަނޑިޔާރުން މިހާރުވެސް ޙުކުމް ކުރާނީ ކޮންމެވެސް މީހަކު އަންގާ ގޮތަށް ނޫންހެއްޔެވެ؟ ވީއިރު އެފަދަ މީހުން ކުރާ ޙުކުމަށް އަމަލުކުރަންޖެހޭނެ ހެއްޔެވެ؟ އެފަދަ ފަނޑިޔާރުން ކުރާ އެއްވެސް ޙުކުމަކީ ޞައްޙަ ޙުކުމެއް ކަމަށް ބަލައިގަނެވޭނެ އެއްވެސް ހަމައެއް އެބައޮތް ހެއްޔެވެ؟

ރައްޔިތުންގެ ހިތްތަކުގައި އުފެދިފައިވާ މިފަދަ ގިނަ ސުވާލުތަކަކަށް ޖަވާބުދޭން ޝަރުޢީ ނިޒާމަށް މިވަނީ ޖެހިފައެވެ. ތިއަ ބާވަތުގެ ވާހަކަތައް ނުދައްކަން ކުރާ އަމުރަކުން މި ސުވާލުތަކުގެ ޖަވާބެއް ނުލިބޭނެއެވެ. ޖަވާބު ލިބޭނީ ހަމަ ޖަވާބު ދިނުމުންނެވެ.

"އަޅުގަނޑު ޙުކުމް ކުރަނީ މިވެނި މިހަކު ބުނާ ގޮތަށް" ކަމަށް ފަނޑިޔާރަކު ބުނެފި ނަމަ އޭނާ އެހުރީ އޭނާ ކޮށްގެން ހުރި ހުވައާއި ޚިލާފްވެގެންކަން އަޑުއެހި ކޮންމެ މީހަކަށް ވެސް އެނގޭނެއެވެ. ފުލަހަކަށް މިފަދަ އަޑެއް އިވިއްޖެ ނަމަ ފުރަތަމަ ކަމަކަށް ކުރަންޖެހޭނެ ކަމަކީ އޭނާގެ ބަޔާން ނަގައި އިއުތިރާފް ހޯދުމަށްފަހު އެމީހަކު ވަގުތުން ހައްޔަރުކޮށް އެމީހެއްގެ މައްޗަށް ދައުވާ ކުރަން ޕީޖީ އޮފީހަށް ފޮނުވުންކަން ފާހަގަކުރެވެއެވެ. އަދި ޕީޖީގެ ދައުރަކަށްވާނީ އަވަހަށް އެމީހެއްގެ މައްޗަށް ދައުވާ އުފުލުމެވެ. އެފަދަ މީހަކު ހުރިނަމަ ޖޭއެސްސީ ނުވަތަ ޖޫޑިޝަލް އެޑްމިނިސްޓްރީއަށް ޖެހޭނީ އެފަދަ މީހަކާއިމެދު ފިޔަވަޅު އަޅައި ވަގުތުން ސަސްޕެންޑްކުރަންކަން ވެސް ފާހަގަކުރެވެއެވެ.

ޤާނޫނުތަކާއި އަދި ކޮށްގެންހުރި ހުވައާއި އެފަދަ މިންވަރަކަށް ޚިލާފުވެފައިވާ މީހަކު ހުރިނަމަ އެމީހެއްގެ ހެކިބަސް އެއްވެސް ކަމެއްގައި އެއްވެސް މިންވަރަކަށް ޤަބޫލުކުރަން އިސްލާމް ދީން ހުއްދަކުރާ ކަމާއިމެދު ވެސް ސުވާލު އުފެދެއެވެ.
މިއަދު އޮންލައިން