ސައުދިއަރަބިޔާގައި ޞަލީބީން އަޅުކަންކުރާނެ ފައްޅި އެޅުމުގެ ހުއްދަ ދޭން އެ ޤައުމުން އެއްބަސްވެފައިވާ ކަމަށް ބޭރުގެ ބައެއް ބޮޑެތި ނޫސްތަކުގައި ދަނީ ހާމަކުރަމުންނެވެ. މިކަމާއި ގުޅިގެން ސައުދިއަރަބިޔާއިން އަދި ރަސްމީ ބަހެއް ބުނިކަން އެނގިފައެއް ނެތެވެ.
ބައެއް ނޫސްތަކުގައި ބުނެފައިވަނީ މިކަމަށް މަޝްވަރާކޮށް ހުއްދަ ދިނުމަށް އެއްބަސްވެފައިވަނީ ވެޓިކަންގެ އިސްފާދިރީންނާއި ސައުދީގެ އިސްފަރާތްތަކާއިއެކު ދާދިފަހުން ކުރެވުނު މަޝްވަރާތަކުގައި ކަމަށެވެ.
މިކަމަށް އެއްބަސްވެފައިވަނީ ފާދިރީ ޖީން ލުއިސް އާއި މުސްލިމް ވޯލްޑް ލީގް އާއި ދެމެދުގައި ކަމަށާއި މުސްލިމް ވޯލްޑް ލީގުގެ ފަރާތުން މަޝްވަރާކުރީ މުޙައްމަދު ބިން ޢަބްދުލްކަރީމް ކަމަށެވެ. ނަމަވެސް މިކަމުގެ އެއްބަސްވުމުގައި ސޮއިކުރިކަން އަދި ޔަޤީން ނުކުރެވޭ ކަމަށް ވެސް ބުނެފައިވެއެވެ. މި ޚަބަރު މިޞުރުގެ ބައެއް ނޫސްތަކުންވެސް ވަނީ ހާމަކޮށްފައެވެ.
ވެޓިކަންގެ އިސް ފާދިރީންނާއި މުސްލިމް ވޯލްޑް ލީގުގެ ދާދިފަހުން ވަނީ ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެ އެއްބަސްވުމާއިބެހޭ މައުލޫމާތު ހާމަކޮށްފައެއް ނުވެއެވެ.
ޞަލީބީންގެ ބާރު ހިނގާ އެއްވެސް ޤައުމަކުން މުސްލިމުންނަށް އެއްބާރުލުން ދިނުމުގެ ގޮތުން މުސްލިމުންނަށް އެއްވެސް ކަމެއް ފަސޭހަވާނެ ގޮތް ހަދައިދޭތަނެއް ނުފެނެއެވެ. އަބަދުވެސް ފެންނަނީ މިސްކިތްތައް ބަންދުކުރާތަނާއި މިސްކިތްތައް އަޅަން ހުއްދަ ނުދީގެން އުޅޭ ތަނެވެ.
ދިވެހިރާއްޖެ އާއި ސައުދިއަރަބިޔާ ފޔަވައި އެހެން ހުރިހާ މުސްލިމް ޤައުމުތަކެއްގައި މިހާރުވެސް ތަފާތު ދީންތަކަށް އަޅުކަންކުރާ ފައްޅިތައް އެބަހުއްޓެވެ. އެހެން ދީންތަކަށް އަޅުކަންކުރާނެ ފައްޅި ފަދަ ތަންތަން އެޅުމަށް ހުއްދަ ދިނުމަކީ ރާއްޖޭގައި ކުރެވޭނެ ކަމެއް ނޫނެވެ. އެއީ ރާއްޖޭގެ ޤާނޫނު އަސާސީ އެކަން މަނާކުރާތީ އާއި އެކަންކުރަން ދިވެހިން ބޭނުން ނުވާތީއެވެ.