މަސައްކަތް ނިންމަތާ ދުވަސްކޮޅެއްގެ ތެރޭގަ މިސްކިތު ތަޅުމުގަ ޖެހި ތަށިމުށި "ދުވެ ފުމޭ" ގޮތަށް މަސައްކަތްކުރާ ކުންފުނިތައް ބަނގުރޫޓުވުމުގަ އޮތީ ކޮން މައްސަލައެއް؟
ކޮންސްޓްރަކްޝަން ކުންފުނިތަކާއި ހަވާލުކޮށްގެން މިސްކިތްތައް އަޅުވަނީ ހިލެއަކު ނޫނެވެ. ކުންފުނިތަކުން ހުށަހަޅާ އަގު ދީގެންނެވެ. މަސައްކަތް ހަވާލުކުރަނީ ހުށަހަޅާ ބިޑް ކާމިޔާބުކުރެވުމުންނެވެ.
މާލޭގެ މިސްކިތްތަކުގެ ތެރެއިން އެންމެ ގިނަ ބައަކު ނަމާދަށް އަރާ މިސްކިތެއްގެ ތިރީބައިގައި ނަމާދުކުރުން މިހާރު ވަނީ ހުއްޓާލައިފައެވެ. ރޯދައަށް މަރާމާތުކޮށްލުމަށާއި ދޫލަ އައުކޮށްލުން ފަދަ ކަންކަމަށް ކަމުގައި މައުލޫމާތު ލިބެއެވެ.
ދޫލަ އެޅުމަކީ އެންމެ ދުވަހަކުން ވެސް ކުރެވޭނެ ކަމެކެވެ. ނަމަވެސް މިސްކިތު ތަޅުމުގައި ޖަހާފައިވާ ތަށިމުށިތައް "ދުވެ ފުމެ" ހަދާ މައްސަލަތައް ހައްލުކުމަކީ އެހައި ފަށޭހަ ކަމަކަށް ނުވާނެއެވެ. ބައެއް މުށިތަކަކީ ކޮޅަށް ތެދުވުމުން މުށިގަނޑު ވެސް ތެދުވާ އަދި ސަޖިދަ ކުރުމުން ބޯކޮޅަށް އަޑިއަށްދާ މުށިތަކެވެ. އަދި ނަމާދުގައި ކުރާ ހަރަކާތާއި އެއްވަރަށް އަޑުއަޑުވެސް ލައްވައިދޭ މުށިތަކެވެ.
މިސްކިތަކީ އަޅައި ނިމުމަށްފަހު އެއްވެސް މީހެއްގެ ތަނެއް ނޫނެވެ. މިސްކިތަކީ މިބިންމަތީގައި ހުންނަ މާތްﷲގެ ގެކޮޅުތަކެވެ. އެވަރުގެ ޙުރުމަްތތެރިވެގެންވާ ތަންތަން މިފެންވަރަށް އަޅާ ކުންފުނިތަކުން އަމިއްލަ މީސްމީހުންގެ ގެދޮރު އަޅާނެ ފެންވަރާއިމެދު ވިސްނައިލަންޖެހެއެވެ.
ދެން ދައްކާނީ ކުންފުނިތަކަށް ފައިދާ ނުވާ ވާހަކައެވެ. އެފަދަ ކުންފުނިތައް ވުޖޫދުގައި މާތްﷲ ބަހައްޓަވަނީ ވެސް މާތްﷲގެ އޯގާތެރިވަންތަކަން ބޮޑުކަމުން ނޫންބާވައެވެ.
ޚަބަރުގައި ހާމަކުރި މިސްކިތަކީ ދެމަފިރިއަކު ﷲއަށްޓަކައި ވަަރަށް ބޮޑު ހޭދައެއް ކޮށްގެން އަޅާފައިވާ ޒަމާނީ މިސްކިތެކެވެ. އެދެމަފިރިން ދިރިއުޅޭ ގެއަކީ މިހާރަށް ބަަލައިފިނަމަ ވަރަށް އާދައިގެ ގެއެކެވެ. އެހެންކަމުން ދެމަފިރިންނަށް މާތްﷲ ދެއްވެވި ތަނަވަސްކަމުގެ ބޭނުން ހެޔޮގޮތުގައި ހިފާފައިވާކަން ފާހަގަކުރެވެއެވެ.
އެހައި ބޮޑު ހޭދައެއް ކޮށްގެން ވެސް މިސްކިތް އަޅަންޖެހެނީ އިސްލާމިކް މިނިސްޓްރީން އަންގާ ގޮތަށެވެ.
އެގޮތަށް އެޅީމާ ވާގޮތަކީ މަތީ ފަންގިފިލާއިން 30 އިންސައްތަ ޖާގަ ގެއްލެއެވެ. ނަމާދަށް ތިއްބައި އެންމެން އެއްފަހަރާ އުފުއްލަވައިފާނެ ކަމަށް ބަލައި ނަމަވެސް ފަންގިފިލާގެ މެދުގައި ކަނޑާފައި އިންނަ ބޮޑު ޖާގައެއްގެ ސަބަބުންނެވެ. ޖާގައިގެ މަތީގައި ފުރާޅު އިންނާތީ ފުރާޅުގައި ޖެހޭނެކަމަށް ބަަލައި ފުރާޅުން ޖާގަ ކަނޑާކަށް އަދި ނުފަށައެވެ.
ފުރަތަމަ ފަންގިލާއިން ކަނޑާފައިވާ ބޮޑު ޖާގައިގެ ސަބަބުން މި މިސްކިތުގައި ނަމާދުކުރުން މިހާރުވެފައި މިވަނީ ވަރަށް ދަތިކަމަކަށެވެ.