މުހައްމަދު އުސާމް
ލުބުނާންގެ ޤާނޫނު ހަދާ މަޖިލީހަށް މެންބަރުން އިންތިޚާބުކުރުމަށް އެ ޤައުމުގައި މިއަދު ވޯޓުލާން ފަށައިފިއެވެ.
މިއީ 2009 ވަނަ އަހަރުގެ ބޭއްވި މަޖިލީސް އިންތިޚާބަށްފަހު، އެ ޤައުމުގައި މަޖިލީސް އިންތިޚާބު ބާއްވާ ފުރަތަމަ ފަހަރެވެ.
ވޭތުވެދިޔަ ނުވަ އަހަރުގެ ތެރޭގައި މަޖިލީސް އިންތިޚާބެއް އެ ޤައުމުގައި ބޭއްވިފައިނުވަނީ މަޖިލީހުގެ ދައުރު ހަމަނުވަނީސް ދެ ފަހަރެއްގެ މަތިން ހަތަރު އަހަރަށް މަޖިލީހުގެ ދައުރު އިތުރުކޮށްފައިވާތީއެވެ. އެ ދެ ފަހަރު ވެސް މަޖިލީހުގެ ދައުރު އިތުރުކުރަން ނިންމާފައިވަނީ އަވައްޓެރި ސީރިއާގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެންނާއި އިންތިޚާބީ ޤާނޫނުތަކަށް އެކަށީގެންވާ ބަދަލުތަކެއް ގެނައުމަށްކަމަށް ބުނެއެވެ.
ޤާނޫނު ހަދާ މަޖިލީހުގެ 128 ގޮނޑިއަކަށް މެންބަރުން އިންތިޚާބުކުރުމަށް މިއަދު ފެށި ވޯޓުލުން ކުރިއަށްގެންދާނީ ލުބުނާން ގަޑިން މިރޭ ހަތެއް ޖަހަންދެނެވެ. އިންތިޚާބުގެ ނަތީޖާ ހާމަކުރަން ނިންމާފައިވަނީ އަންނަ ހޯމަ ނުވަތަ އަންގާރަ ދުވަހުގައެވެ.