މައުމޫންގެ ސިއްހީ ހާލަތު ގޯސްވެ އެހީތެރިވުމަށް ނަސްރީނާ ޖަލަށް ގެންދަވަން ފައްޓަވައިފި
ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ސިއްހީ ހާލަތު ގޯސްވެ އަމިއްލަފުޅަށް ކަންކަން ނުކުރެވޭތީ އެމަނިކުފާނަށް އެހީތެރިވުމަށް އަނބިކަނބަލުން ނަސްރީނާ އިބްރާހިމް ޖަލަށް ގެންދަވަން ފައްޓަވައިފިއެވެ.
މައުލޫމާތު ލިބޭ ގޮތުގައި، މިދިޔަ ހުކުރު ދުވަހާއި އިއްޔެ ވެސް ރައީސް މައުމޫނަށް އެހީތެރިވުމަށް ނަސްރީނާ ޖަލަށް ވަޑައިގެން ރައީސް މައުމޫންގެ އަރިހުގައި ވަގުތުތައް ހޭދަކުރެއްވި ކަމަށެވެ.
ރައީސް މައުމޫންގެ ޢާއިލާއިން ބުނި ގޮތުގައި، މިދިޔަ ޑިސެމްބަރު މަހުން ފެށިގެން އެމަނިކުފާނަށް "ބިނައިން ޕްރޮކްސިމަލް ޕޮޒިޝަނަލް ވާޓިގޯ" ޖެހިފައިވެއެވެ. އެ ބަލީގެ ސަބަބުން ވަރަށް ބޮޑަށް ބޯއެނބުރުމާއި ކުއްލިއަކަށް ވެއްޓުުން ފަދަ ސިއްހީ މައްސަލަތައް ކުރިމަތިވެއެވެ. އެހެންވެ އަބަދުވެސް އަރިހުގައި އެހީތެރިވާނެ ފަރާތެއް ބެހެއްޓުމަށް ޑޮކްޓަރުން ލަފާ ދީފައިވެއެވެ.
މައުލޫމާތު ލިބޭ ގޮތުގައި، މިހާރު އަބަދުވެސް ރައީސް މައުމޫންގެ އަރިހުގައި ފުލުހަކު ވެސް ހުރެއެވެ.
ރައީސް މައުމޫންގެ ސިއްހީ ހާލަތު ގޯސްވުމާ ގުޅިގެން އެމަނިކުފާނުގެ ވަކީލުންނާއި ޢާއިލާއިން ވެސް ވަނީ އެމަނިކުފާނު ކުޑަމިނުން ގޭ ބަންދަށް ބަދަލުކޮށްދިނުމަށް އެދިފައެވެ.
ރައީސް މައުމޫންގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތުގެ ފުރަތަމަ އަޑުއެހުމުގައި ވެސް ރައީސް މައުމޫން ވަނީ އެމަނިކުފާނުގެ އުމުރުފުޅަށާއި ސިއްހީ ހާލަތަށް ރިއާޔަތްކޮށް ކުޑަމިނުން ގޭ ބަންދަށް ބަދަލުކޮށް ދިނުމަށް ޤާޒީގެ އަރިހުގައި އެދިވަޑައިގެންފައެވެ. އެހެން ނަމަވެސް ޤާޒީ ހައިލަމް ނިންމާފައިވަނީ ރައީސް މައުމޫންގެ ބަންދު ރިވިއުކުރަންޖެހޭ ތަނެއް ނެތް ކަމަށެވެ.
މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސްޕްރީމް ކޯޓުން ނުވަ ގައިދީއަކު މިނިވަންކުރުމަށް ނެރުނު އަމުރާ ގުޅިގެން، ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހުގެ ރޭ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫން އިއުލާންކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތުގައި މައުމޫން ހައްޔަރުކުރެއްވީ ފަނޑިޔާރުންނަށް ރިޝްވަތުދީގެން ސަރުކާރު ވައްޓާލަން އުޅުނުކަމުގެ ތުހުމަތުގައެވެ. އެ މައްސަލާގައި އެމަނިކުފާނުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލި ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ޓެރަރިޒަމް ދައުވާގެ އިތުރުން މައުމޫންގެ މައްޗަށް ވަނީ އަދުލު އިންސާފު ޤާއިމްކުރުމަށް ހުރަސްއެޅިކަމުގެ ދައުވާ ވެސް ދައުލަތުން އުފުލައިފައެވެ.