ސީޔާސީ ލީޑަރުންތަކެއް ހިމެނޭ ގޮތަށް ނުވަ ގައިދީއަކު މިނިވަންކުރުމަށް މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސްޕްރީމް ކޯޓުން ނެރުނު އަމުރަކީ ޝަރީއަތްކުރުމުގެ އުސޫލުތަކާ ޚިލާފަށް ޝަރީއަތްތަކެއް ކުރިކަމަށް ރައްޔިތުންގެ ޝަކުވާތައް ގިނަވުމުން އަދުލު އިންސާފު ޤާއިމްކުރުމަށް ނެރުނު އަމުރެއްކަމަށް ފަނޑިޔާރު ޢަލީ ހަމީދު ވިދާޅުވެއްޖެއެވެ.
ޢަލީ ހަމީދު މިހެން ވިދާޅުވީ އެބޭފުޅާގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ މައްސަލާގައި މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައެވެ.
މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ނެރުުނު އަމުރަކީ ޢަލީ ހަމީދު ރިޝްވަތުގެ ފައިސާގައި ހިފައި، އިތުރު ބަޔަކާ ގުޅިގެން ސަރުކާރު ވައްޓާލުމަށް ނެރުނު އަމުރެއްކަމަށް ދައުލަތުގެ ވަކީލު ވިދާޅުވުމާއެކު، ވާހަކަދެއްކެވުމުގެ ފުރުސަތަކަށް އެދި ވަޑައިގެން ޢަލީ ހަމީދު އަތްމައްޗަށް ނެންގެވިއެވެ.
ވާހަކަދެއްކެވުމުގެ ފުރުސަތު ޢަލީ ހަމީދަށް ލިބިވަޑައިގަތުމާއެކު، ވާހަކަދެއްކެވުމަށް ކޮޅަށް ތެދުވެވަޑައިގަތުމަށް މަސައްކަތްކުރެއްވިއެވެ. އެހެން ނަމަވެސް އުނަގަނޑުގައި ރިއްސާތީ ކޮޅަށް ތެދުވެވަޑައިގަންނަވަން ދަތިވުމުން އިށީނދެވަޑައިގެން ވާހަކަދެއްކެވުމަށް ޤާޒީ އަހުމަދު ހައިލަމް ހުއްދަ ދެއްވިއެވެ.
ފަނޑިޔާރު ޢަލީ ހަމީދު ވާހަކަފުޅު ދައްކަވަން ފެށީ ކީރިތިކުރައްވަމުންނެވެ. ގިސްލަމުން ވިދާޅުވީ ދައުލަތަށް އެތައް ޚިދުމަތެއް އިހުލާސްތެރިކަމާއެކު ކުރުމުން ދައުލަތަށް ގެއްލުންވާފަދަ ޢަމަލުތައް ކުރުމަށް ރިޝްވަތު ހިފައި ނުފޫޒު ފޯރުވިކަމަށް ދައުލަތުގެ ވަކީލު ވިދާޅުވުމުން ހިތްދަތިވެފައިވާކަމަށެވެ.
މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ނެރުނު އަމުރު ނެރެންޖެހުނު ތަފުސީލުކޮށް ކިޔައިދެއްވަމުން ޢަލީ ހަމީދު ވިދާޅުވީ އެ އަމުރު ނެރެން ޖެހުނީ އަދުލު އިންސާފު ޤާއިމްކުރުމަށްޓަކައި ކަމަށެވެ. އަދުލު އިންސާފު ޤާއިމްކުރުމުގެ އެންމެ އިސް ފަރާތަކީ ސްޕްރީމް ކޯޓު ކަމަށްވާތީ ކަމަށެެވެ.
ޝަރީއަތްކުރުމުގެ އުސޫލުތަކާ ޚިލާފަށް ބައެއް ޝަރީއަތްތައް ހިންގިކަމުގެ ޝަކުވާތަކާއި ދައުވާ ލިބޭ ފަރާތަށާއި ކުރާ ފަރާތަށް ޤާނޫނުން ލިބޭ ފުރުސަތު ލިބިފައިނުވާކަމުގެ ޝަކުވާތައް ސްޕްރީމް ކޯޓަށް ދިޔައީ ލިބެމުންކަމަށް ޢަލީ ހަމީދު ވިދާޅުވިއެވެ. ގިނަ އަދަދެއްގެ ރައްޔިތުން އެ ޝަކުވާތައް ސްޕްރީމް ކޯޓަށް ފޮނުވަމުންދިޔަކަމަށާއި ވަކިވަކި ފަނޑިޔާރުންނަށް ވެސް ސިޓީގައި އެ ޝަކުވާތައް ލިބެމުން ދިޔަކަމަށް ޢަލީ ހަމީދު ވިދާޅުވިއެވެ.
ރައްޔިތުންގެ އެ ޝަކުވާތަކަށް ހައްލެއް ހޯދައިދިނުމަކީ އަދުލު އިންސާފު ޤާއިމްކުރާ އެންމެ މަތީ ފަރާތުގެ ޒިންމާއެއްކަމަށް ޢަލީ ހަމީދު ވިދާޅުވިއެވެ. ޢަލީ ހަމީދު ވިދާޅުވީ އެ ޝަކުވާތަކާ ގުޅިގެން ސުޕްރީމް ކޯޓުގައި ފަނޑިޔާރުންގެ މަޖިލީހެއް ބޭއްވިކަމަށާއި އެ އަމުރު ނެރުމަށް ހުރިހާ ފަނޑިޔާރުން އެއްބަސްވެވަޑައިގަތީ ކޮންމެ ފަނޑިޔާރެއްގެ ވެސް ކަންބޮޑުވުން ހުށަހަޅައި މަޝްވަރާ ކުރެވިގެންކަމަށެވެ.
ރައްޔިތުންގެ މެދުގައި ޝައްކުތައް ހުރި ޝަރީއަތްތައް އަލުން ހިންގުމަށް އެންގީ އެ ޝަރީއަތްތައް ކުރިއަށްދަނީ ޝަރީއަތްކުރުމުގެ އުސޫލުތަކާ އެއްގޮތަށްކަން ރައްޔިތުންނަށް ޔަޤީންކަން ދިނުމުގެ ގޮތުން ކަމަށާއި އެކަމުގައި އިތުރު އެއްވެސް ނިޔަތެއް ނޯންނާނެކަމަށް ޢަލީ ހަމީދު ވިދާޅުވިއެވެ.
މިއަދު ބޭއްވި ޝަރީއަތުގައި ދައުލަތުން ވަނީ ފަނޑިޔާރު ޢަލީ ހަމީދާ ދެކޮޅަށް 32 ހެއްކަށް ހުށަހެޅިއެވެ. އޭގެ ތެރޭގައި ބައެއް ސިއްރު ހެކިވެރިންގެ ބަޔާންތައް ވެސް ހިމެނެއެވެ. ޝަރީއަތުގެ ދެން އޮންނަ އަޑުއެހުމުގައި ދިފާޢީ ހެކިން ހުށަހެޅުން އޮންނާނެއެވެ.