އިސްލާމީ ޝަރީޢާގެ އުސޫލުން އިންޝުއަރަންސް ވިޔަފާރި ހިންގާ ހަމައެކަނި ކުންފުނީގެ ގޮތުގައި، ދިވެހިރާއްޖޭގެ ހިއްސާގެ ބާޒާރުގައި ލިސްޓްކުރެވިފައިވާ ހަމައެކަނި ކުންފުނި، އަމާނާ ތަކާފުލް މޯލްޑިވްސް ޕ.ލ.ކ ގެ ހަތްވަނަ އަހަރީ އާންމު ޖަލްސާ 6 މެއި 2018 ގައި ބާއްވައި 2017 ވަނަ އަހަރުގެ ނިމުނު މުއްދަތަށް ހިއްސާއެއްގެ މޫނުމަތީ އަގުގެ 10 އިންސައްތަ ޙިއްސާގެ ފައިދާގެ ގޮތުގައި ބެހުމަށް ނިންމައިފިއެވެ.
2017 ވަނަ އަހަރު ކުންފުނީގެ މާލީ ނަތީޖާއަށް ބަލާއިރު، ފައިދާގެ ގޮތުގައި ޓެކުހަށް ކެނޑުމުގެ ކުރިން 3.9 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 87.5 އިންސައްތައިގެ ކުރިއެރުމެކެވެ. އަދި ޖުމްލަ ފައިދާގެ (ކޮންސޮލިޑޭޓަޑް ޕްރޮފިޓް) ގޮތުގައި 6.7 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އެއީ އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު 228 އިންސައްތައިގެ ކުރިއެރުމެކެވެ.
2017 ވަނަ އަހަރު ނެޓް އަރންޑް ކޮންޓްރިބިއުޝަން ވަނީ 29 އިންސައްތައިގެ ކުރިއެރުމެއް ހޯދާ 62.2 މިލިއަން ރުފިޔާ ލިބިފައެވެ. މި ނަތީޖާއަށް ވާސިލްވުމުގައި ގިނަ ކަންތައްތަކެއް ޝާމިލްވާއިރު، ޙާއްސަގޮތެއްގައި ފާހަގަކުރެވެނީ، ޑިސްޓްރިބިއުޝަން ޗެނަލްތައް ހަރުދަނާ ކުރުމަށް ކުރެވުނު މަސައްކަތްތަކެވެ. މީގެ އިތުރުން ފަރުވާތެރިކަމާއި އެކު ރޭޓުތައް ކަނޑައެޅުމަށް ގެނެވުނު އިސްލާޙުތަކާއި، ޓެކްނޮލޮޖީއާއި ގުޅުވައިގެން ހޯދުނު ހައްލުތަކާއި، ޗެނަލްތައް ހަރުދަނާކުރުމަށް ކުރެވުނު މަސައްކަތްތަކާއި، އިންވެސްޓްމަންޓްތަކުގެ ފައިދާ އެންމެ އެކަށީގެންވާ ގޮތަށް ހޯދުމަށް ކުރެވުނު މަސައްކަތްތަކާއި، އިންޝުއަރަންސްގެ ބަދަލު ނުވަތަ ކްލެއިމްސް ގެ ކަންކަން ހަރުދަނާ ކުރުމާއި، އަދި ހަރަދުތައް ބެލެހެއްޓުން އެކަށީގެންވާ ގޮތެއްގައި ހިފެހެއްޓި ހިފެހެއްޓުން، މިދެންނެވުނު ނަތީޖާ ހާސިލްކުރުމަށް މަގުފަހިކޮށްދިނެވެ.
އަމާނާ ތަކާފުލް މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރމަން ތައްޔިބް އަކްބަރް އަލީ ފާހަގަކުރެއްވި ގޮތުގައި، ''އަހަރުން އަހަރަށް ރަނގަޅު ނަތީޖާތައް ނެރެވެމުންދާކަން އަޅުގަނޑުމެން ޝުކުރުވެރިކަމާއިއެކު، ފާހަގަކުރަމެވެ. 2017 ވަނަ އަހަރު އަޅުގަނޑުމެން އެކަށައެޅި ވިޔަފާރީގެ ސިޔާސަތުތައް ވަނީ ކާމިޔާބުކަމާއި އެކު ތަންފީޒުކުރެވިފައެވެ. ޖުމްލަ ފައިދާގެ ގޮތުގައި ޓެކުހަށް ކެނޑުމުގެ ކުރިން ލިބުނު 6.7 މިލިއަން ރުފިޔާ އަކީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 228 އިންސައްތައިގެ ކުރިއެރުމެކެވެ. އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ''ފާއިތުވި އެއްވެސް އަހަރަކާ އަޅާބަލާއިރު 2017 ވަނަ އަހަރު އިންޝުއަރަންސް ސިނާއަތުގެ ތެރޭގައި، މާކެޓުގައި ކުރު ރާސްތާގެ ފައިދާތަކެއް ހާސިލްކުރުމުގެ ބޭނުމުގައި ރޭޓްތައް ދަށްކުރުމުގެ އޮއިވަރެއް ފެނިގެން ގޮސްފައިވާއިރު، ދިވެހިރާއްޖެއަށް އިސްލާމީ މާލީ ނިޒާމު ތައާރަފްކުރި ކުންފުނީގެ ހައިސިއްޔަތުން އަޅުގަނޑުމެން ސާބިތުވެ ދެމި ތިބޭނީ އަދި އަޅުގަނޑުމެންނާ ގުޅުން ހުރި ހުރިހާ ފަރާތްތަކަށް ޔަޤީންކަން ދޭންބޭނުންވަނީ، ކޯޕަރޭޓް ގަވަނަންސް ކޯޑާއި އަދި ވިޔަފާރީގެ އެންމެ މަތީ އަޚްލާޤް ނަގަހައްޓާ ދެމެހެއްޓުމުގައި ސާބިތުވެ ދެމިތިބޭނެކަމެވެ''.
މިއަދު ބޭއްވި އަހަރީ އާންމު ޖަލްސާގައި އަމާނާ ތަކާފުލް މޯލްޑިވްސް އިން ވަނީ ޙިއްސާދާރުންނަށް ޙިއްސާގެ ފައިދާ ބަހާނެ މިންވަރު ކަނޑައަޅާފައެވެ. މިއީ ޖެހިޖެހިގެން ޙިއްސާދާރުންނަށް ޙިއްސާ ބަހާ ހަތްވަނަ އަހަރުކަން މިފުރުސަތުގައި ފާހަގަކޮށްލަމެވެ. 2017 ވަނަ އަހަރުގެ އޮގަސްޓްމަހުގައި އިންޓެރިމް ޑިވިޑެންޑްގެ ގޮތުގައި ހިއްސާދާރުންނަށް ވަނީ ޙިއްސާގެ ފައިދާ ބަހާފައެވެ.
ހިއްސާގެ ފައިދާ ބެހުމުގެ މަޤްސަދަށްޓަކައި، ހިއްސާގެ ދަފްތަރު ނުވަތަ ޝެއަރ ރެޖިސްޓަރ ބަންދުކުރާނެ ތާރީޚަކީ 15 މެއި 2018 ކަމުގައި އަހަރީ އާންމު ޖަލްސާއިން ވަނީ ނިންމާފައެވެ. އެމުއްދަތުގެ ނިޔަލަށް ހިއްސާގެ ދަފްތަރުގައި ރަޖިސްޓްރީވެފައި ތިބި ހުރިހާ ހިއްސާދާރުންނަށް ޑިވިޑެންޑް ލިބުމަށް ޝަރުތުހަމަވާނެއެވެ.
ޒިންމާދާރު ކުންފުންޏެއްގެ ހައިސިއްޔަތުން އަމާނާ ތަކާފުލް މޯލްޑިވްސްއިން އަބަދުވެސް އަމަލުކުރުންމަތީ ދެމިތިބޭނީ، އެކެއް އަނެކެއްގެ ކިބައިން އެހީތެރިކަން ފޯރުކޮށްދިނުމާއި އިތުބާރުގެ މައްޗަށް ބިނާވެފައިވާ ތަކާފުލްގެ ނިޒާމުގެ މަބްދަޢުއެއްކަމުގައިވާ ހަމަހަމަ ކަމާއި އިންސާފުވެރިކަމާއިއެކު، އިސްލާމީ ޝަރީޢާގެ މަތިވެރި އުސޫލުން ފޭދިގެން އައިސްފައިވާ ހުޅުވާލެވިފައިވާ ނިޒާމެއްގެ ތެރެއިން އަޅުގަނޑުމެންނާ ގުޅުންހުރި ފަރާތްތަކަށް އެންމެ އެކަށީގެންވާ ގޮތެއްގައި ޙިދުމަތް ފޯރުކޮށްދިނުމަށެވެ. "ފާހަގަކޮށްލެވޭ ފަދަ އަހަރެއް އަނެއްކާވެސް އަޅުގަނޑުމެންނަށް މިވަނީ ނިންމާލެވިފައެވެ. އަޅުގަނޑުމެންގެ ކުރިއެރުމުގެ ސިޔާސަތުގެ މައިމޫކަމުގައިވެފައިވަނީ މާކެޓްގެ އެދުންތަކާ އެއްހަމައެއްގައި ނުވަތަ އެއައްވުރެ އިތުރަށް ޙިދުމަތްތައް ފޯރުކޮށްދިނުމެވެ. މިކުރިއެރުންތައް ދެމެހެއްޓުމުގައި އަޅުގަނޑުމެންގެ ވަފާތެރި ކަސްޓަމަރުންނާއި، ވިޔަފާރީގެ ބައިވެރިންނާއި، ތަންފީޒީ އިދާރާތަކުން ދެއްވަމުން ގެންދަވާ ހިފެހެއްޓުމެއް ނެތް އެހީތެރިކަމާއި ހިތްވަރަށް އެފަރާތްތަކަށް އިޚްލާސްތެރިކަމާއިއެކު ޝުކުރުވެރިވަމެވެ" އަމާނާ ތަކާފުލް މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ ހަރީޒް ސުލެއިމާން ވިދާޅުވިއެވެ.
ކުންފުނީގެ ހިއްސާދާރުންގެ ފަރާތުން އިންތިޚާބުކުރާ މިނިވަން ޑިރެކްޓަރެއްގެ ގޮތުގައި ޑރ. ޢަބުދުﷲ ޝިހާމް ހަސަން ވަނީ ހޮވާފައެވެ.
ހިއްސާދާރުންނަށް ލިބިދެވޭ އިތުރު އިނާޔަތެއްގެ ގޮތުން، ފާއިތުވި އަހަރުތަކެކޭ އެއްގޮތަށް މިފަހަރުވެސް، ޕަރސަނަލް އެކްސިޑެންޓް ކަވަރ ލިބޭނެއެވެ. މިކަމާ ގުޅޭ އުސޫލުތައް، ޙިއްސާދާރުންނަށް އެންގޭނެއެވެ.
އަމާނާ ތަކާފުލް މޯލްޑިވްސް ޕ.ލ.ކ ގެ ޑިރެކްޓަރުންގެ ބޯޑުގައި މިހާރު ތިއްބެވި ބޭފުޅުންނަކީ، ޠައްޔިބް އަކްބަރްއަލީ (ޗެއަރމަން)، އުސްމާން ކާސިމް، ދާތޯ މުޙައްމަދު ފަޒްލީ ޔޫސުފް، އެމް.އެޗް.އެމް ރަފީޤް، ޑރ.އަބްދުﷲ ޝިހާމް، ޢަބުދުﷲ ކާސިމް އަދި ހަރީޒް ސުލައިމާން (މެނޭޖިންގ ޑިރެކްޓަރ) އެވެ.