ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަދި ކުރީގެ ރައީސް މައުމޫންގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާ ސިފަވަނީ މީހަކަށް ފެނުނު ހުވަފެނެއްގެ ގޮތުގައި ކަމަށާއި އެދައުވާއަށް އިންކާރު ކުރައްވާ ކަމަށް މިއަދު ކްރިމިނަލް ކޯޓުގައި ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.
ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާއި ގުޅިގެން ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ބުނެ ފާރިސްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ މިއަދު ގެ އަޑުއެހުމުގައި އެމަނިކުފާނުގެ ވަކީލުން ވިދާޅުވެފައިވަނީ ފާރިސްގެ މައްޗަށް ކޮށްފައިވާ ދައުވާ ސާފު ނުވާ ކަމަށެވެ. އަދި ވަކީލުން ވަނީ ދައުލަތާއި ސުވާލުތަކެއް ވެސް ކުރިމަތި ކުރައްވާފައެވެ.
ވަކީލުން ކުރެއްވި ސުވާލުތަކަށް ދައުލަތުން ޖަވާބު ދިނުމުން، ގާޒީ އަހުމަދު ހައިލަމް ފާރިސް އަށް އެންގެވީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ ގޮތުގެ މަތިން ދައުވާއަށް އިންކާރު ކުރުން ނުވަތަ އިއުތިރާފްވުން، ދެ ގޮތުންކުރެ އެއްގޮތެއް އިޚްތިޔާރު ކުރެއްވުމަށެވެ.
އެއެންގެވުމަށް ޖަވާބު ދެއްވަމުން ފާރިސް ވިދާޅުވީ ދައުވާގައި ސާފުނުވާ ކަންކަން އެބަހުރި ކަމަށާއި އެމަނިކުފާނަށް އެދައުވާ ސިފަވަނީ މީހަކަށް ފެނުނު ހުވަފެނެއްގެ ގޮތުގައި ކަމަށެވެ. ދުވަހަކުވެސް ޖިނާއީ ކުށެއް ނުކުރައްވާ ކަމަށް ވިދާޅުވެ، އެދައުވާއަށް އިންކާރު ކުރައްވާ ކަމަށް ވެސް ފާރިސް މައުމޫން ވިދާޅުވިއެވެ.