ކުރީގެ ރައީސް މައުމޫން ގޭބަންދަށް ބަދަލު ކުރެވެން ނެތްނަމަ އެމަނިކުފާނުގެ ޒަރޫރީ ބޭނުންތައް ފުއްދައިދެވޭނެ ގޮތަށް، ދޫނިދޫގައި މަޑުކުރެވޭނެ އިންތިޒާމްތައް ހަމަޖައްސަވައި ދެއްވުމަށް އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ނަސްރީނާ އިބްރާހިމް އެދިވަޑައިގެންފިއެވެ.
ރައީސް މައުމޫންގެ ބަލިހާލަތު މިވަގުތު ހުންނެވި ގޮތުން، ގިނިކަންޏާ ފާޚާނާއަށް ވެސް ނުދެވޭކަން ފާހަގަ ކުރައްވާ، އިއްޔެވެސް އެމަނިކުފާނު ވެއްޓިވަޑައިގެންފައިވާކަން، އެކްޓިން ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒް އަށް ނަސްރީނާ މިއަދު ފޮނުއްވި ސިޓީގައި ފާހަގަ ކުރައްވާފައިވެއެވެ.
މެޑަމް ނަސްރީނާ އެދިވަޑައިގެންފައިވަނީ ރައީސް މައުމޫން ގޭބަންދަށް ބަދަލު ކޮށްދެއްވުމަށެވެ. އެކަން ކުރެވެން ނެތްނަމަ އެކަމަނާއަށް ދޫނިދޫގައި ހުރެވޭނެ ގޮތް ހައްދަވައި ދެއްވުމަށް އެކަމަނާ އެދިވަޑައިގެންފައިވެއެވެ.
ރައީސް މައުމޫންގެ ބަލިހާލަތު ބަޔާން ކޮށްދެއްވަމުން އެމަނިކުފާނުގެ ދަރިކަނބަލުން ޔުމްނާ މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ކަންފަތުގެ މައްސަލައަކުން ކުރިމަތިވާ ބައްޔެއް ކަމަށްވާ ބެނިން ޕޮޒިޝަނަލް ވާޓިގޯ (ބީޕީވީ) ގެ ސަބަބުން ބައްޕާފުޅަށް ދޭތެރެއިން ބޮލަށް އެނބުރުން އަރަމުން އަންނަ ކަމަށާއި އެކަމުގެ ސަބަބުން އަނބުރައި ގަނެގެން ވެއްޓުމުގެ ފުރުސަތު އޮތް ކަމަށް ޑޮކްޓަރުން ލަފާދީފައިވާ ކަމަށެވެ.
މިދިޔަ ދުވަސްތަކުގެ ތެރޭގައި އެބަލީގެ އަލާމާތްތައް އިތުރަށް ބޮޑުވަމުން އަންނަ ކަމަށް ވެސް ޔުމްނާ ވިދާޅުވެފައިވެއެވެ.