ބިން ކުރާ ބަދު ދުޢާ އިން މުޞީބާތް ޖެހުނު މީހެއްގެ ވާހަކަ-
ސައިފްކަރީމްބެ އަކީ އުމުރުން 60 އަހަރުގެ މީހެކެވެ. ކަރީމްބެ ކިޔަނީ މުސްކުޅި ކަމަކުންނޭނެވެ. ލޯބިން ކިޔާ ނަމެއްގެ ގޮތުގައެވެ. ކަރީމްބެއަކީ މިހާރުވެސް ގިނަ ބައެއްގެ ކުރިމަތީގައި ބަސްވިކޭ މީހެކެވެ. އަހަރުތަކެއް ކުރިން އޭނާ ވަނީ ޤަބީލާގެ ވެރިކަން ވެސް ކޮށްފައެވެ. އެހެންކަމުން އަވަށުުގެ ގިނަ ބައަކު މިހާރުވެސް އޭނާއަށް އިޙްތިރާމްކުރެއެވެ.
ކަރީމްބެގެ 4 ފިރިހެން ދަރިންނާއި އަންހެން ދަރިއަކު ހުރެއެވެ. ހުރިހާ ކުދިންވެސް އުޅެނީ ވަރަށް ގުޅިގެން އެކުވެރިކަމާއިއެކުގައެވެ. ނަމަވެސް ކަރީމްބެއަކަށް އެއްވެސް ހިތްހަމަޖެހުމެއް މިހާރަކު ނުލިބެއެވެ.
އަބަދުވެސް ދަރިންތަކަށް އުޅެންޖެހެނީ ކޮންމެވެސް މައްސަލައެއް ކުރިމަތިވެގެންނެވެ. ކަރީމްބެގެ ދަރިންނަކީ ކުށްކުރާ ބައެއް ނޫނެވެ. ނަމަވެސް ތަފާތު ތުހުމަތުތަކުގައި ބަންދުގައިވެސް އުޅެންޖެހެއެވެ.
ތަފާތު ގޮތްގޮތުން ޢާއިލާއަށް ދިއައީ ހިތްދަތިކަން ލިބެމުންނެވެ. ނަތީޖާއެއްގެ ގޮތުން ކަރީމްބެއަށް ތާއީދުކުރި ގިނަ ބައަކު ދިއައީ ކަރީމްބެއާއި ދުރުހެލިވަމުންނެވެ. ކަރީމްބެއަށް އެންމެ ބޮޑު އަސަރެއް ކުރަނީ އެކަމުންނެވެ.
ކަރީމްބެއަކީ އަބަދުވެސް ދީނީ އިލްމުވެރިންގެ ބަސްފުޅު ހޯދުމަށް ލޯބިކުރާ މީހެކެވެ. އެހެންކަމުން އެއް ރެއަކު ޖާފަތެއް ތައްޔާރުކޮށް އަވަށުގައި ތިބި ބޮޑެތި ދީނީ ޢިލްމުވެރިން ގެއަށް އެއްކުރިއެވެ.
ކައި ނިމުމުން ކަރީމްބެ ވަރަށް އަސަރާއިއެކު އޭނާއަށާއި ޢާއިލާއަށް ކުރިމަތިވަމުން އަންނަ މައްސަލަތަކުގެ ވާހަކަތައް ކިޔައިިނެވެ. އަދި ޢިލްމުވެރިންގެ ލަފައަކަށާއި ހެޔޮ ދުޢާއަށް އެދުނެވެ.
އެވަގުތު އެތަނުގައި އިންނެވި ޢިލްމުވެރިއަކު ވިދާޅުވިއެވެ.
"ލަފައަކަށް އެދުނީމާ ކަންކަން ހުރި ގޮތް އަދި ފެންނަ ބަހެއްވެސް ބުނަންވާނެތާއެވެ! ކަރީމްބޭއެވެ. ކަރީމްބެގެ މާގިނަ މައްސަލަތަކެއް ހުރިކަން މީހުންނަށް އެނގިފައެއް ނުވެއެވެ. ނަމަވެސް މައްސަލައެއް ހުރިނަމަ އެކަން މާތްﷲ ދެކެދެނެވޮޑިގެންވާނެއެވެ.
ކަރީމްބޭއެވެ. މީހުން ބަދު ދުޢާކުރާ ފަދައިން ބިމަކީވެސް ބަދު ދުޢާކުރާ އެއްޗެކެވެ. ބިމަށްވެސް އެއިގެ ޙައްޤުވެރިން އެނގެއެވެ. އެހެން ބައަކު އެ ބިމަށްވެރިވެގަނެ ނަފާ ނަމަގަމުން ގެންދާނަމަ ބިން މަޑަކުން ނުއޮންނާނެއެވެ. ހަމަ ބަދު ދުޢާކުރާނެއެވެ. ކަރީމްބެގެ އަތުގައި އެއްވެސް މީހެއްގެ ބިމެއް ނުޙައްޤުން ހޯދިފައި އޮތް ނަމަ އަވަހަށް އެއިގެ ޙައްޤުވެރިންނާއި ޙަވާލުކުރާށެވެ. ފަހަރެއްގައި ތިއަ މުޞީބާތްތަކަކީ އެ ބިމެއް ނުވަތަ ބިންތަކެއްގެ ސަބަބުން ކުރިމަތިވާ ކަންތައްތަކަށްވެސް ވެދާނެއެވެ. މޮޅަށް ދެކެ ދެނެވޮޑިގެންވަނީ ހމަ މާތްﷲއެވެ."
ޢިލްމުވެރިން އެނބުރިވަޑައިގަތުމުން ކަރީމްބެ ވިސްނަން ފެށިއެވެ. ކަރީމްބެ ހިތަށް އެރިއެވެ.
"އެނގިގެން ނަމަވެސް ނުއެނގި ނަމަވެސް އޭނާ އެދެއްކީ ރަނގަޅު ވާހަކަތަކަކަށް ވެދާނެއެވެ. އަހަރެންގެ ބާރާއި ނުފޫޒު ހުރިއިރު ހަލާލު ނޫން ގޮތުގައި ބިންތައް ވަނީ ހޯދިފައެވެ. ދެން އޮތް ގޮތަކީ ލަދު ނުގަނެ އެކަންކަމަށް މަޢާފްއެދުމެވެ. ހައްޤުވެރިންނާއި ބިންތައް ޙަވާލުކުރުމެވެ."
ކަރީމްބެ ބެލިއިރުު އެބިންތަކުގެ ވެރިން ވަނީ މަރުވެފައެވެ. އެހެންކަމުން އެމީހުންގެ ދަރިން ހޯދައި ބިންތައް ޙަވާލުކުރިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކަރީމްބެއަށް ހިތްހަމަޖެހުމާއި އުފާވެރިކަން ލިބެން ފެށިއެވެ. ދަރިންނަށް ވެސް މައްސަލަތަކުން ސަލާމަތްވެވި ހަމަޖެހިލައިގެން ދިރިއުޅެން ފެށުނެވެ.