ޤާނޫނުގެ ކުރިމަތީގައި ސ. މީދޫ އަލިވާގޭ ޢަބްދުﷲ ސަޢީދު އާއި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ ހުރި ތަފާތު، އުއްތަމަ ފަނޑިޔާރު ވިދާޅުވެދެއްވައިފިއެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު ވިދާޅުވީ އެމަނިކުފާނު ސްޕްރީމް ކޯޓަށް ވަދެވަޑައިގަތީ ވަގަށް ނުވަތަ ސިއްރުން ނޫން ކަމަށެވެ. މާނައަކީ ސ. މީދޫ އަލިވާގޭ ޢަބްދުﷲ ސަޢީދު ސްޕްރީމް ކޯޓަށް ވަދެވަޑައިގަތީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ ހައިސިއްޔަތުން ކަމަށާއި ސ. މީދޫ އަލިވާގޭ ޢަބްދުﷲ ސަޢީދުގެ އަމިއްލަފުޅު ހައިޞިއްޔަތުން ނޫން ކަމަށެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވީ ސްޕްރީމް ކޯޓުގައި އެއްވެސް ކަމެއް ހިނގައިފިނަމަ އެކަމެއް ސްޕްރީމް ކޯޓުން ބަލާނެ ކަމަށެވެ. މާނައަކީ ސްޕްރީމް ކޯޓުގެ ފަނޑިޔާރުން މަޤާމުގައި ތިއްބަވައިގެން ކުރައްވަވާ ކަންކަން ބަލަން ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވަނީ ކްރިމިނަލް ކޯޓުން ނޫން ކަމެވެ.
އުއްތަމަ ފަނޑިޔާރު މިމޭރުމުން ވިދާޅުވީ ދައުލަތުގެ ވަކީލުން ސ. މީދޫ އަލިވާގޭ ޢަބްދުﷲ ސަޢީދުގެ ގޮތުގައި އެމަނިކުފާނާއި މުޚާޠަބްކޮށް ވާހަކަ ދައްކާތީއެވެ. ސްޕްރީމް ކޯޓުން 1 ފެބްރުއަރީގައި ނެރުނު އަމުރު ނެރުނީ ސ. މީދޫ އަލިވާގޭ ޢަބްދުﷲ ސަޢީދު ނޫންކަމާއި އެ އަމުރު ނެރުނީ އުއްތަމަ ފަނޑިޔާރު ހިމެނިވަޑައިގަންނަވާ ގޮތަށް ސްޕްރީމް ކޯޓުގެ 5 ފަނޑިޔާރުންގެ ބެންޗުންކަން ހާމަކުރެއްވުމަށެވެ.
އުއްތަމަ ފަނޑިޔާރު މިއަދުވެސް ވަނީ އެމަނިކުފާނަށް ސަރުކާރުން ކުރާ "ޖެމްސް" ހުއްޓުވި މައްސަލައަށް އިންކާރުކުރައްވައި އެއީ ދޮގު ތުހުމަތެއްކަމަށް ބަޔާންކުރައްވައިފައެވެ.
އުއްތަމަ ފަނޑިޔާރު މިއަދު ވިދާޅުވީ ރާއްޖޭގައި މިހާރު ކުރަމުން ގެންދަނީ ޤާނޫނު އަސާސީ ބަލިކޮށްލުމުގެ މަސައްކަތް ކަމަށާއި މިހާރު ރާއްޖޭގައި ހިނގަމުން މިދަނީ ވަރަށް ނުރައްކައުތެރި ޙުޟޫރަތްތެރި ކަންތައްތަކެއް ކަމަށެވެ. މާނައަކީ ރާއްޖޭގައި މިހާރު ކަންތައްތައް ކުރަމުން މިގެންދަނީ ޤާނޫނު އަސާސީއާއި އެއްގޮތަށް ނޫން ކަމަށާއި މިއީ ވަރަށް ނުރައްކާތެރި އަދި ބިރުވެރި ޙާލަތެއް ކަމެވެ.
މިމައްސަލައިގައި މާދަމާ އުއްތަމަ ފަނޑިޔާރުގެ މައްޗަށް ޙުކުމް އިއްވާނެ ކަމަށް ފަނޑިޔާރު މިއަދު ވަނީ ވިދާޅުވެފައެވެ.