ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫން، ވަކީލަކާއިއެކު މާދަމާ އަނެއްކާވެސް ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގައިފިއެވެ.
ވަކީލަކާއިއެކު ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގާފައިވަނީ، ސަރުކާރު ވައްޓާލަން އުޅުނުކަމުގެ ތުހުމަތު އެކަމަނާގެ މައްޗަށް އުފުލާފައިވާތީ އެތުހުމަތުގައި ސުވާލު ކުރުމަށް މިއަދު ފުލުހުންގެ އިދާރާއަށް ހާޒިރު ކުރުމުން، މައްސަލަ ކުރިއަށް ގެންދަވަން ބޭނުންވަނީ ޤާނޫނީ ވަކީލަކާއެކު ކަމަށް ޔުމްނާ ދެންނެވުމުންނެވެ.
ފުލުހުންގެ އިދާރާއަށް މިއަދު ހާޒިރުވުމަށްފަހު ނިކުމެވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޔުމްނާ މައުމޫން ވިދާޅުވީ، މައްސަލަ ކުރިއަށް ގެންދަން ބޭނުންވަނީ ވަކީލަކާއެކު ކަމަށް ފުލުހުންނަށް ދެންނެވުމުން ވަކީލަކު ހަމަޖެއްސުމަށް މާދަމާއާއި ހަމައަށް ފުރުސަތު ދެއްވި ކަމަށެވެ.