ދިވެހި ފުލުހުންނަކީ ހުވައެއް ކޮށްގެން ރައްޔިތުންނަށް ޚިދުމަތްކުރަން ތިބޭ ބައެއް ކަމަށާއި ފުލުހުން ކޮށްގެން ތިބި ހުވައަށް އަމަލުކުރަންޖެހޭނީ ފުލުހުންނަށް ފްލެޓް ލިބި ޟަރޫރީ ބޭނުންތައް ފުދުމަށް ފަހުގައި ނޫން ކަމަށް ކެންދޫ ދާއިރާގެ މެންބަރު، ޤާނޫނީ ވަކީލް ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޢަލީ ޙުސައިން މިއަދު ވިދާޅުވީ ފުލުހުންގެ ކިބައިން މިހާރު ފެންނަމުންދަނީ ސަރުކާރުން ކުރާ ޤާނޫނާއި ޚިލާފް އަމުރުތައް ތަންފީޒުކުރަން މަސައްކަތްކުރަމުން ގެންދާތަން ކަމަށާއި ފުލުހުން ކޮށްގެން ތިބި ހުވައާއި އެއްގޮތަށް ދިވެހި ރައްޔިތުންނާއި ޤާނޫނު އަސާސީ ހިމާޔަތްކުރަން މަސައްކަތް ކުރާތަން ނޫން ކަމަށެވެ.
ޢަލީ ޙުސައިން ވިދާޅުވީ ފުލުހުންނަށް ހުށަހަޅާފައިވާ ވަރަށް މުހިންމު މައްސަލަތައް ބަހައްޓާފައި ފުލުހުން ބާރު ސްޕީޑްގައި ކުރިއަށް ގެންދަނީ ސިޔާސީ މީހުންގެ މައްސަލަތައް ބެލުން ކަމަށެވެ.
"ތިއަ ބޭފުޅުން ހުވާކުރައްވައިގެން ތިއްބެވީ ޢަބްދުﷲ ޔާމީން ގަންދީ އެއް ނޫން. މާތްﷲ ގަންދީ. އެހެންވީމާ މަސައްކަތްކުރަންޖެހޭނީ ޤާނޫނޫ އަސާސީ އާއި އެއްގޮތަށް ރައްޔިތުންގެ ހައްޤުތައް ހިމާޔަތްކުރަން."
ސްޕްރީމް ކޯޓުގެ 1 ފެބްރުއަރީގެ އަމުރަކީ ސަރުކާރު ވައްޓާލަން ނެރުނު އަމުރެއްކަމަށް ޤަބޫލުކުރާކަން ދޭހަވާގޮތަށް ފުލުހުން ބަޔާން ދެމުން ގެންދާތީ އެކަމަށްވެސް ޢަލީ ޙުސައިން ވަނީ ރައްދު ދެއްވައިފައެވެ.
"އެއީ ސަރުކާރު ވައްޓާލަން ނެރުނު އަމުރެއްނަމަ އެއަމުރުގަ އޮންނާނެ ރައީސް ޔާމީން އާ ސަރުކާރުގެ އިސް ބޭފުޅުން ހައްޔަރުކުރަން. ރައީސް ޔާމީންގެ އަމިއްލަފުޅު އެކައުންޓަށް ވަދެފައިވާ 1 މިލިއަން ޑޮލަރުގެ މައްސަލަ އާ އެހެން އިއުތިރާފްތައްވެސް އެހުރީ ނޫންތޯ؟ އެކަމަކު އަމުރަކު ނެތެއްނޫންތޯ ހައްޔަރުކޮށް މައްސަލަ ބަލާކަށް. އަމުރަށް 5،4 ދުވަސް ފާއިތުވެގެންދިއައިރުވެސް އެފަދަ އަމުރެއް ނުނެރޭ ނޫންތޯ؟" ޢަލީ ޙުސައިން ވަނީ ސުވާލުކުރައްވައިފައެވެ.