ސްޕްރީމް ކޯޓުގެ އަމުރަކީ ސަރުކާރު ވައްޓާލަން ނެރުނު އަމުރެއްނަމަ ރައީސް ޔާމީން ހައްޔަރުކުރާ ވާހަކަ އޮންނާނެ: ޢަލީ ޙުސައިން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ސްޕްރީމް ކޯޓުގެ އަމުރަކީ ސަރުކާރު ވައްޓާލަން ނެރުނު އަމުރެއްނަމަ ރައީސް ޔާމީން ހައްޔަރުކުރާ ވާހަކަ އޮންނާނެ: ޢަލީ ޙުސައިން
ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން 1 ފެބްރުއަރީގައި ނެރުނު އަމުރަކީ ސަރުކާރު ވައްޓާލަން ބޭނުންވެގެން ނެރުނު އަމުރެއް ނަމަ ރައީސް ޢަބްދުﷲ ޔާމީން ހައްޔަރުކުރާ ވާހަކަ އެ އަމުރުގައި އޮންނާނެ ކަމަށް ކެންދޫ ދާއިރާގެ މެންބަރު، ޤާނޫނީ ވަކީލް ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ.

ޢަލީ ޙުސައިން މިމޭރުމުން ވިދާޅުވީ ސްޕްރީމް ކޯޓުގެ އަމުރާ ގުޅިގެން ސަރުކާރުން އުފުލާފައިވާ "ޖެމްސް" މައްސަލައިގައި މާދަމާ އުއްތަމަ ފަނޑިޔާރަށް ޙުކުމް ކުރާނެކަން މިއަދު ކްރިމިނަލް ކޯޓުން ހާމަކުރުމާއި ގުޅިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.

ޢަލީ ޙުސައިން ވިދާޅުވީ އުއްތަމަ ފަނޑިޔާރުގެ މައްޗަށް ކުރާ ޙުކުމަކީ އެމަނިކުފާނުގެ މައްޗަށް ކުރާ ޙުކުމެއް ނޫން ކަމަށާއި އެއީ މުޅި ރާއްޖޭގެ ޝަރުޢީ ނިޒާމުގެ މައްޗަށް ކުރާ ޙުކުމެއް ކަމަށެވެ. އަދި މިކަމަކީ ރައްޔިތުން ކުޅިބަލަން ތިބޭވަރަށްވުރެ މާބޮޑު ކަމެއް ކަމަށެވެ.

ޢަލީ ޙުސައިން ވިދާޅުވީ މިއަދު ފެންނަމުން މިދަނީ ސަރުކާރުން ބޭނުންވާ ގޮތަށް ޙުކުމް ނުކުރާ ފަނޑިޔާރުންގެ ވަޒީފާ އެހެން ކޯޓުތަކަށް ބަދަލުކުރަމުން ގެންދާތަން ކަމަށާއި އެކަމުގެ ސަބަބުން ފަނޑިޔާރުންނަށް މިނިވަންކަމާއިއެކު ޝަރީޢަތް ކުރުމުގެ ފުރުޞަތު ވަރަށް ބޮޑަށް ހަނިވެފައިވާ ކަމަށެވެ.

ޢަލީ ޙުސައިން ވިދާޅުވީ އުއްތަމަ ފަނޑިޔާރާއި މިހާރު ބަންދުގައި ތިބި ސިޔާސީ އެހެން މީހުންގެ ޝަރީއަތްތައް ވެސް ކުރިއަށް ގެންދަނީ ވަރަށް ބޮޑަށް ސުވާލު އުފެދޭ ގޮތަށް ކަމަށެވެ. އަދި ވަކާލާތުކުރާ ވަކީލުންނަށް ވަގުތު ނުލިބޭ ގޮތަށް އަވަސް އަވަހަށް ޝަރީއަތުގެ މަޖިލިސްތައް ކުރިއަށް ގެންދިއުމަކީ އިންސާފު ލިބުމަށް އެޅޭ ހުރަހެއް ކަމަށެވެ. މި މައްސަލަ ހައްލުކުރަން ޕީޖީ ވެސް މަސައްކަތްކުރަންޖެހޭނެ ކަމަށެވެ.
މިއަދު އޮންލައިން