ޤަވާއިދު ތަންފީޒުކުރާނެ ފަރާތެއް ނެތުމުން ކޮންމެ ކަމެއްގަ ވެސް ގެއްލުމާ ޒުވާބަކަށް ދާންޖެހިފަ---
"ހެނދުނު ސައިބުއިއިރު ބައި ކަޅު ކޮފީ ބުއިމުން ނެގީ 6 ރުފިޔާއެވެ. ރޭގަނޑު ބައިކަޅު ކޮފީ ބުއިމުން ބިލަށް 2 ރުފިޔާ އިތުރުވިއެވެ. ޝަކުވާ ކުރުމުން ބުނީ އޮޅިގެން ހެދިގެން ހެދިކާއެއްގެ އަގު އިތުރުކުރެވުނީ ކަމަށެވެ. ނަމަވެސް އެބުނި ހެދިކާގެ އަގަކީ 3 ރުފިޔާއެވެ. 3 ރުފިޔާގެ ހެދިކާއެއްގެ އަގު އިތުރުވުމުން ބިލަށް 2 ރުފިޔާ އިތުރުވި ސަބަބާއިމެދު ސުވާލުކުރުމުން ބުނީ ބައިކަޅު ކޮފީގެ އަގު 8 ރުފިޔާ ކަމަށާއި ބިލު އޮތީ ރަނގަޅަށް ކަމަށެވެ. މި ހެދި ގޮތަކީ ބިލަށް ފައްތަން ބައި ކަޅު ކޮފީގެ އަގު 2 ރުފިޔާ ބޮޑުކޮށްލީއެވެ.
ދެން ބަލައިލީ ހޮޓަލުގައި އަގު ލިސްޓެއް ހަރުކޮށްފައި ހުރިތޯއެވެ. އަގު ލިސްޓެއް ނެތެވެ. އަދި ހެދިކާ ތަކުގައި ވިއްކާ އަގެއް ވެސް ނެތެވެ. ދެން އެކަން ފާހަގަކުރުމުން އެތަނުގައި އިން މީހަކު ބުނީ އެ ހޮޓަލަކީ ފުލުހަކު ހިންގާ ހޮޓަލެއް ކަމަށާއި އެހެންކަމުން އަގު ލިސްޓް ފެންނަ ގޮތަށް ބެހެއްޓުން ފަދަ ކަންކަން ކުރަން ނުޖެހޭ ކަމަށެވެ."
ސަރުކާރުން މިހައި ތަނަށް ނެރެފައިވާ އެއްވެސް ޤަވާއިދެއްގައި ހޮޓާ ހިންގާ މީހަކީ ވަކި މަސައްކަތެއް ކުރާ ނުވަތަ ވަކި ދަރަޖައެއްގެ މީހަކަށް ވުމުން އެއްވެސް ކަމެއް އިސްތިސްނާވާ ގޮތަކަށް ބަޔާންކޮށްފަައެއް ނުވެއެވެ. އެހެންކަމުން ހޮޓަލުގައި އަގު ލިސްޓެއް ބަހައްޓާފައި ނެތީ ވަކި ފެންވަރެއްގެ މީހަކު ހިންގާ ތަނަކަށްވުމުން ކަމަށް ކަނޑައެޅޭނެ ގޮތެއް ނެތެވެ.
މިބާވަތުގެ އެންމެ އާދައިގެ ކަންކަމުގައިވެސް މައްސަލަތައް ކުރިމަތިވަނީ ކަންކަން ކުރަން ސަރުކާރުން ހަދާފައިވާ ޤަވާއިދުތަކަށް އަމަލުކުރާކަން ބަަލައިލާނެ ބައަކު ނެތުމުންނެވެ. ރާއްޖޭގައި "ރޫލް އޮފް ލޯ" ތަންފީޒު ކުރާނެ ބައަކު ނެތުމުންނެވެ.
ސަރުކާރު ވައްޓާލަން އުޅުން ފަދަ ކަންކަމަކީ ސަލާމަތީ ބާރުތަކުން ބަލަހައްޓާ ކަންކަމަށްވާތީ އެކަން ގެންދަނީ ވަރަށް ރަނގަޅަށް ބަލަހައްޓަމުންނެވެ. ފުލުހުން ގެންދަނީ އެކަމުގައި އެމީހުންގެ ޤާބިލުކަން ވަރަށް ވަރަށް ރަނގަޅަށް ދައްކަމުންނެވެ. އެހެންކަމުން ޢާންމު ޤަވާއިދުތަކަށް އަމަލުކުރާކަން ބެލެހެއްޓުންވެސް ފުލުހުންނާއި ހަވާލުކޮށްފިނަމަ ވަރަށް ރަނގަޅަށް ބަލަހައްޓާނެ ކަމަށް ބެލެވެއެވެ.