"ޤިޔާމަތް ދުވަސް އެބައޮތް"- ހައްޖުވުމަކުން މީހުންގެ ހައްޤުތަކެއް ނުކެނޑޭނެ!
ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދުގެ މައްޗަށް 4 މަހާއި 24 ދުވަހުގެ ޖަލޫ ހުކުމް ކްރިމިނަލް ކޯޓުން މިއަދު އިއްވުމުން އެމަނިކުފާނު ވިދާޅުވެފައިވަނީ ވަރަށް މަދު ބަސްކޮޅެކެވެ.
އެގޮތުން "ޤިޔާމަތް ދުވަސް އެބައޮތް" ކަމަށާއި "މިލިބުނީ ޝަހީދެއްގެ ދަރަޖަ" ކަމަށް އުއްތަމަ ފަނޑިޔާރު ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގެ ތާރީޚަށް ބަލާއިރު އިންބާފުވެރި ނޫން ގޮތުގައި ވަރަށް ގިނަ ޙުކުމްތައް ވަނީ ކޮށްފައެވެ. ޚާއްޞަކޮށް 2015 ވަނަ އަަހރުން ފެށިގެން އެކަން ވަނީ އިތުރުވެފައެވެ.
މަޑުއްވަރި ދާއިރާގެ މެންބަރު މުޙައްމަދު އަމިތު މިއަދު ވިދާޅުވީ ރާއްޖޭގެ ކޯޓުތަކުން އިންސާފު ނުލިބުމުގެ މައްސަލަތައް 2015 ވަނަ އަަހަރުން ފެށިގެން އިތުރުވެފައިވާތީ އެކަމުގެ ޝަކުވާތައް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. އަދި މިއީ ޜާއްޖޭގައި މިހާރު އޮތް އެންމެ ބޮޑު ކަންބޮޑުވުން ކަމަށެވެ.
އަދުލުވެރި ނޫން ގޮތުގައި ހުކުމް ކުރުމަށްފަހު ބައެއް ފަނޑިޔާރުން ވަރަށް އަވަހަށް ހައްޖަށްދާތަން ފެނެއެވެ. އަދި ސަރުކާރުންވެސް އެފަދަ ބައެއް ފަނޑިޔާރުން ޙައްޖަށް ފޮނުވުމަކީ ޒަމާނުންސުރެ ކުރަމުން އަންނަ ކަމެކެވެ.
ދީނީ އިލްމުވެރިން ވިދާޅުވާ ގޮތުގައި މަތިމައްޗަށް ޙައްޖުވި ނަމަވެސް މީހަކަށް ދީފައިވާ އަނިޔާއެއްގެ ފާފަ އެމީހަކު މަޢާފް ކުރުމުން ނޫނީ މާތްﷲ ފުއްސެވުމެއް ނެތެވެ. މީހުންގެ ޙައްޤުތައް ކެނޑޭނީ އެމީހަކު ކެނޑުމުންނެވެ. ނޫންނަމަ އެމީހަކަށް ޖެހޭނީ ޤިޔާމަތް ދުވަހުން ބަދަލުދޭށެވެ. އެމީހަކު ކޮށްފައިވާ ހެޔޮ އަމަލުތަކުންނެވެ. ބަދަލު ދޭނެ ހެޔޮ އަމަލުތައް ނެތްނަމަ ޖެހޭނީ އެމީހަކު ކޮށްފައިވާ ފާފަތަކާއި ޙަވާލުވާށެވެ.