ހުޅުމާލެއިން ފްލެޓް ގަންނަން ބޭނުންވާ ޒުވާނުންނަށް ޚާއްޞަކޮށް، ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އިން ލޯން ސްކީމެއް ތައާރަފުކޮށްފިއެވެ.
"ޔޫތް ޕްރޮޑަކްޓް" ގެ ނަމުގައި ތައާރަފުކުރި މި ލޯން ސްކީމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އުމުރުން 21 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ. އެ ކުންފުނިން ބުނި ގޮތުގައި، މި ލޯން ސްކީމްގެ ދަށުން ލޯނު ދޫކުރަން ނިންމާފައިވަނީ އެއް މިލިއަން ރުފިޔާއަށްވުރެ ބޮޑު ނުވާ އަދަދަކަށް ކަމަށެވެ.
މި ސްކީމަށް ލޯނު ދޫކުރަނީ އެޗްޑީއެފްސީއިން ދޫކުރާ އެހެން ލޯންތަކަށްވުރެ އިންޓެރެސްޓް ރޭޓް ކުޑަކޮށްކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. އެ ގޮތުން މި ސްކީމަށް އިންޓެރެސްޓް ރޭޓްގެ ގޮތުގައި ކަނޑައަޅާފައިވަނީ 10.9 އިންސައްތައެވެ. އަދި ރަހުނުގެ ގޮތުގައި ދައްކަންޖެހޭނީ ލޯނުގެ 15 އިންސައްތައެވެ.
އެޗްޑީއެފްސީއިން ތައާރަފުކުރި މި ސްކީމުން ދޫކުރާ ލޯނު އަނބުރާ ދައްކަން 30 އަހަރު ދުވަހުގެ މުއްދަތެއް ލިބޭނެކަމަށް އެ ކުންފުިނިން ބުންޏެވެ.
އެޗްޑީއެފްސީގެ 15 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ތައާރަފުކުރި މި ލޯން ސްކީމް ކުރިއަށްގެންދަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ވެސް ގުޅިގެންނެވެ.