ފަތުރުވެރިކަން ހީވެސް ނުކުރާ ވަރަށް ކުރިއަރައިފި- މަސައްކަތްކުރާނެ ދިވެހިން ބޭނުން: އެމްޔޫ މަނިކު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 9ސ
ފަތުރުވެރިކަން ހީވެސް ނުކުރާ ވަރަށް ކުރިއަރައިފި- މަސައްކަތްކުރާނެ ދިވެހިން ބޭނުން: އެމްޔޫ މަނިކު
ޤަބޫލުކުރި ނަމަވެސް ނުކުރި ނަމަވެސް ރާއްޖޭގެ އެންމެ ބޮޑު އިންޑަސްޓްރީއަކީ ޓޫރިޒަމް ކަމަށާއި ސިނާއަތުގައި މަސައްކަތްކުރާނެ ދިވެހިން ބިނާކުރަން އިތުރު މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ޔުނިވަރސަލް ގްރޫޕުގެ ޗެއަރމަން މުޙައްމަދު ޢުމަރު މަނިކު ވިދާޅުވެއްޖެއެވެ.

"ރާއްޖޭގެ ފަތުރުވެރިކަން ހީވެސް ނުކުރާ ވަރަށް ކުރިއަރައިފި- މަސައްކަތްކުރާނެ ދިވެހިން ބޭނުން- ދިވެހިން ތަމްރީނުކުރަން ޖެހޭ- ތަމްރީނު ލިބުނީމާ މަސައްކަތްކުރަންވެސް ޖެހޭ."

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާނެ ދިވެހިން ބިނާކުރުމަށް ޔުނިވަރސަލް ފައުންޑޭޝަނުން ވިލާ ކޮލެޖާއި ގުޅގެން ހިންގާ ޕްރޮގްރާމްގެ ފުރަތަމަ ބުރު ނިންމައި 2 ވަނަ ބުރު އިފްތިތާޙްކުރުމަށް މިއަދު ހެނދުނު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި މުޙައްމަދު ޢުމަރު މަނިކު ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާއަތަށް ބޭނުންވާ މީހުން ބިނާ ކުރުމުގެ މަސައްކަތް 1980 ވަނަ އަހަރު ވިލިނގިލީގައި (އެއިރު ރިޒޯޓެއް) ފެށުނު ކަމަށާއި ނަމަވެސް ދިމާވި ސަބަބުތަކަކާއިހެރު މެދުކެނޑުނީ ކަމަށެވެ. "މިހާރު މި ޕްރޮގްރާމް ކުރިއަށް މިގެންދެވެނީ ވަރަށް ފުރިހަމައަށް. ވިލާ ކޮލެޖުން މި ޕްރޮގްރާމް ކުރިއަށް ގެންދާހައި ފުރިހަމައަށް އެހެން އެއްވެސް ބައަކަށް ނުގެންދެވޭނެ."



މުޙައްމަދު ޢުމަރު މަނިކު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް މިހާރު މިވަނީ ހީވެސް ނުކުރެވޭ މިންވަރަށް ފެންވަރު މަތިވެފައި ކަމަށާއި މިފެންވަރުގައި މަސައްކަތްކުރާނެ ދިވެހިން ބިނާކުރަން މަސައްކަތްކުރަންޖެހޭނެ ކަމަށެވެ. އެހެންކަމުން މި އަހަރުގެ ޕްރޮގްރާމް 25 ދަރިވަރުންނާއިއެކު ފެށުނު ނަމަވެސް ކުރިއަށް އޮތްތަނުގައި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު އިތުރުކުރައްވާނެ ކަމަށެވެ.

މުޙައްމަދު ޢުމަރު މަނިކު ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރުމަކީ އެހައި ފަސޭހަކަމެއް ނޫން ކަަމަށެވެ. ނަމަވެސް ރާއްޖޭގެ އެންމެ ބޮޑު ސިނާއަތް ކަމަށްވުމުން އެ ސިނާއަތުގައި މަސައްކަތްކުރާނެ ދިވެހިން ތިބެންޖެހޭނެ ކަމަށެވެ.

މުޙައްމަދު ޢުމަރު މަނިކު ވިދާޅުވީ އެންމެ ބޮޑު މުސާރަ ލިބެނީވެސް ފަތުރުވެރިކަމުގެ ސިނާއަތުން ކަމަށާއި މިއީ މުޅި ދުނިޔެއަށް ހުޅުވާލެވިފައިވާ ސިނާއަތެއް ކަމަށެވެ. އެހެންކަމުން ތަމްރީނު ފުރިހަަމަކުރުމަށްފަހު ހިތްވަރާއިއެކު މަސައްކަތްކޮށްގެން އެންމެ މަތީ ހަރުފަތަށް ވާސިލުވުމަށް ހުރިހާ ދަރިވަރުންގެ ކިބައިންވެސް އެދިވަޑައިގަންނަވާ ކަމަށެވެ.



"ޒުވާން ކުދިންކޮޅެއް މިއަދު މިތަނުން ފެނުނީމާ ވަރަށް އުފާވޭ. ތިކުދިން މިދިއަ އަހަރު ކިޔަވަމުން ދިއައިރު އެކަން ކުރިއަށްދިއަ ގޮތް އަޅުގަނޑު ބެލިން. ވަރަށް ފޯރީގައި މަސައްކަތްކުރާކަން އެނގުނީމާ ވަަރަށް އުފާވި. އަޅުގަނޑުމެން މިހުޅުވައި ދިނީ ދޮރު. ދޮރުން ވަދެ ބާރަށް ކުރިއަށް ދިއުން އޮތީ ތިއަކުދިންގެ އަތްމަތީގަ" ކަމަށްވެސް މުޙައްމަދު ޢުމަރު މަނިކު ވިދާޅުވިއެވެ.
މިއަދު އޮންލައިން