މިސްރުގެ އަލް އަޒްހަރް ޔުނިވާސިޓީގެ ސްކޮލަޝިޕްތަކަށް ކުރިމަތިލާން އެދޭ ދަރިވަރުންނަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.
ޑިޕާޓްމަންޓް އޮފް ހަޔަ އެޑިއުކޭޝަން (ޑީއެޗްއީ) އިން މިދިޔަ އާދީއްތަ ދުވަހު ކުރި އިއުލާނެއްގައި ބުނެފައިވަނީ އަޒްހަރު ޔުނިވާސިޓީން ހުރިހާ ޚަރަދުތަކެއް ހަމަޖައްސައިދޭ 22 ސްކޮލަޝިޕަށް އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ.
އަޒްހަރު ޔުނިވާސިޓީގެ އެ ސްކޮލަޝިޕްތަކަށް ކުރިމަތިލެވެނީ ޝަހާދާ ސާނަވިއްޔާ ފަސްވެފައިވާ ދަރިވަރުންނަށެވެ. އޭގެ ތެރެއިން ވެސް އަރަބިއްޔާ ސްކޫލުން ޝަހާދާ ސާނަވިއްޔާ ނިންމި ދަރިވަރެއްނަމަ، އެއިން 65 އިންސައްތައަށްވުރެ މަތިން ފާސްވާންޖެހޭނެކަމަށް އިއުލާންގައި ބުނެފައިވެއެވެ. އަދި އެ ސްކޮލަޝިޕްތަކަށް ކުރިމަތިލާ ފަރާތަކީ މި ހިނގާ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު 15 އަށް 25 އަހަރު ފުރިފައިނުވާ ފަރާތަކަށް ވެސް ވާން ޖެހެއެވެ.
އަޒްހަރު ޔުނިވާސިޓީގެ 22 ސްކޮލާޝިޕްގެ ތެރޭގައި ހިމެނެނީ، ޝަރުއީ ދާއިރާއިން 10 ސްކަލޮޝިޕަކާއި އެހެނިހެން ދާއިރާތަކުން 12 ސްކޮލާޝިޕެވެ. އޭގެ ތެރޭގައި ޑޮކްޓަރުކަމާއި އިންޖީނިއަރިން ފަދަ ދާއިރާތައް ހިމެނެއެވެ.
ޤައުމީ ގަދަ ދިހައެއް ހޮވުމުގައި މިދިޔަ އަހަރު ގެނައި ބަދަލާއެކު، ޝަހާދާ ސާނަވިއްޔާގެ ދަރިވަރުންނަށް ވެސް ޤައުމީ ގަދަ ދިހައަކުން ޖާގަ ލިބެއެވެ. ޑީއެޗްއީން ބުނި ގޮތުގައި، އެ ދަރިވަރުންނަށް ވެސް އަޒްހަރު ޔުނިވާސިޓީގެ ސްކޮލަޝިޕްތަކަށް ކުރިމަތިލެވޭނެއެވެ.
އަޒްހަރު ޔުނިވާސިޓީއިން އެ ސްކޮލަޝިޕްތައް ދެމުން އަންނަތާ ގާތްގަނޑަކަށް 38 އަހަރުވީއެވެ.