ރަމަޟާން މަހަށް ހަނދު ބެލުން އަންނަ އަންގަރާ ދުވަހު

ކިޔުމަށް ހޭދަވާނީ 1މ 14ސ
ރަމަޟާން މަހަށް ހަނދު ބެލުން އަންނަ އަންގަރާ ދުވަހު
އަންނަ ހަފުތާގެ އަންގާރަ ދުވަހުގައި މި އަހަރުގެ ރަމަޟާން މަހުގެ ހަނދު ސާބިތުކުރަން ޖެހޭތީ، ހަނދު ސާބިތުކުރުމުގެ ހެކިބަސް ދިނުމަށްޓަކައި އެ ދުވަހުގެ ހަވީރުން ފެށިގެން އެ ޑިޕާޓްމަންޓާއި މެޖިސްޓްރޭޓް ކޯޓުތައް ހުޅުވިފައި ހުންނާނެކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުނެފިއެވެ.

އެ ޑިޕާޓްމަންޓުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ، ކުރީ އަހަރުތަކެކޭ ވެސް އެއްފަދައިން މިއަހަރުވެސް ރަމަޟާން މަހުގެ ހަނދު ސާބިތުކުރުމަށް މިއަހަރުގެ ރަމަޟާންމަހުގެ ހަނދު ދުށްމީހަކު ނުވަތަ ބަޔަކު ހެކިބަސް އަދާކުރުމަށް ހަމަޖެހިފައިވަނީ މާލޭގައިނަމަ މާލޭގެ ކޯޓެއްގެ ޤާޒީއެއްގެ ކުރިފުޅު މަތީގައިކަމަށެވެ.

އަތޮޅުތަކުގައިނަމަ އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓުގެ ކުރިމަތިފުޅު މަތީގައިކަަމަށެވެ. މެޖިސްޓްރޭޓަކު ނެތް ރަށެއްގައިނަމަ އެ ވަގުތަކު ރަށު ކައުންސިލްގެ އިދާރާ ހިންގެވުމާ ހަވާލުވެ ހުންނެވި އިސް ވެރިއެއްގެ ކުރިފުޅު މަތީގައިކަމަށެވެ.

ހަނދު ފެނިގެން އެކަމުގެ މަޢުލޫމާތުދޭއިރު ގާތްގަޑަކަށް ހަނދުހުރި އުސްމިނާއި، މިސްރާބާއި، އަދި މިނޫންވެސް މިފަދަ މުހިންމު މަޢުލޫމާތު ދޭންވާނެކަމަށް އެ ޑިޕާޓްމަންޓްގެ އިއުލާންގައި ބުނެފައިވެއެވެ. ހެކިބަސް އަދާކުރުމަށްޓަކައި އައުމާއި، ދިއުމުގެ ޓެކްސީޚަރަދު އެ ޑިޕާޓްމަންޓުން ދޫކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.

ކަލަންޑަރުގައިވާ ގޮތުންނަމަ، ޝައުބާން މަހުގެ ފަހު ދުވަހަށް ވަނީ ވެސް އަންނަ ހަފުތާގެ އަންގާރަ ދުވަހެވެ. އަދި ރަމަޟާން މަހުގެ ފުރަތަމަ ދުވަހަށްވަނީ އަންނަ ހަފުތާގެ ބުދަ ދުވަހަށެވެ.



މިއަދު އޮންލައިން