ޑިޕާޓްމަންޓް އޮފް ހަޔަ އެޑިއުކޭޝަން (ޑީއެޗްއީ) އިން މަތީ ސާނަވީ އިމްތިހާން ފުރިހަމަކުރި ދަރިވަރުންނަށް ހައި އެޗީވާސް ސްކޮލާޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެ ޑިޕާޓްމަންޓުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ، އެ ސްކޮލާޝިޕަށް ޝަރުތު ހަމަވާނީ 2017 ވަނަ އަހަރުގެ އޮކްޓޯބަރު/ނޮވެމްބަރު ނުވަތަ 2018 ވަނަ އަހަރުގެ ޖަނަވަރީ މަހުގައި މަތީ ސާނަވީ އިމްތިހާން ފުރިހަމަކުރި ދަރިވަރުންގެ ތެރެއިން ދަށްވެގެން 5 "އޭ" ފާސް ހޯދާފައިވާ ދަރިވަރުންނަށް ކަމަށެވެ.. އަދި އެ 5 "އޭ" ފާސްގެ ތެރޭގައި އިސްލާމާއި ދިވެހި މާއްދާ ހިމެނެންވާނެކަމަށެވެ. އޭގެ އިތުރުން، އޯލެވެލް ނުވަތަ އެއާ އެއްފެންވަރުގެ ފާހެއް ވެސް އޮންނަންވާނެކަމަށް ޑީއެޗްއީއިން ބުނެފައިވެއެވެ.
އެ ސްކޮލާޝިޕްގެ ދަށުން ކިޔެވުމުގެ ފުރުސަތު ލިބެނީ ދިވެހިރާއްޖޭގައި ހުރި ޔުނިވާސިޓީތަކުގެ އިތުރުން ޗައިނާއާއި، ފިލިޕީންސްއާއި، ތައިލެންޑާއި، މެލޭޝިއާއާއި، ސާކު ސަރަހައްދުގެ ޤައުމުގެ ޔުނިވާސިޓީތަކުންނެވެ.
ޑީއެޗްއީގެ އިއުލާންގައި ބުނެފައިވަނީ ސްކޮލާޝިޕަށް ކުރިމަތިލާން އެދޭ ފަރާތްތަކުން މި މަހުގެ 24 ވަނަ ދުވަހުގެ މެންދުރު ފަހު 13:30 ގެ ކުރިން އެ ޑިޕާޓްމަންޓަށް ހުށަހަޅަންވާނެކަމަށެވެ. އެޕްލިކޭޝަން ހުށަހަޅަންޖެހޭނީ ވެލާނާގޭ ދެވަނަ ފަންގިފިލާގައި ހުންނަ އެ ޑިޕާޓްމަންޓްގެ ކައުންޓަރަށް ނުވަތަ އެ ޑިޕާޓްމަންޓްގެ އީމެއިލް އެޑްރެހަށް ( [email protected])މެއިލް ކުރައްވައިގެންނެވެ. އީމެއިލް ކުރެއްވިނަމަ އެޕްލިކޭޝަން ލިބުނުކަން 3341461 ނަމްބަރަށް ގުޅައި ޔަޤީންކުރަންޖެހޭބެކަމަށް އިއުލާންގައި ބުނެފައިވެއެވެ.
ސްކޮލާޝިޕަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމު އެ ޑިޕާޓްމަންޓްގެ ވެބްސައިޓް (www.dhe.gov.mv)އުން ޑައުންލޯޑްކުރެވެން ހުންނާނެކަމަށް އިއުލާންގައި ބުނެފައިވެއެވެ.
ޑީއެޗްއީއިން ވަނީ މިދިޔަ އާދީއްތަ ދުވަހު އަޒުހަރު ޔުނިވާސިޓީގެ ސްކޮލާޝިޕްތަކަށް ވެސް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފައެވެ.