އުމުރުން ދުވަސްވީ ބައްޕައަކާ ދިމާލަށް ދަރިއަކު ރަހުމް ކުޑަގޮތަކަށް މުޚާތަބްކުރާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް އާންމުވެއްޖެ

ކިޔުމަށް ހޭދަވާނީ 1މ 20ސ
އުމުރުން ދުވަސްވީ ބައްޕައަކާ ދިމާލަށް ދަރިއަކު ރަހުމް ކުޑަގޮތަކަށް މުޚާތަބްކުރާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް އާންމުވެއްޖެ
އެންމެ ތުއްތުއިރުން ފެށިގެން ދަރިން ބަލާބޮޑުކުރުމަކީ މައިންބަފައިންގެ ޒިންމާއަކެވެ. ހަމައެފަދައިން އެ މައިންބަފައިންގެ އުމުރުން ދުވަސްވެ ގައިބާރުދެރަވެ އެހީތެރިކަމަށް ބޭނުންވީހިނދު މައިންބަފައިންނަށް އޯގާތެރިވެ ކަމޭހިތާ، އެމީހުން ބެލުމަކީ އެދަރިންގެ މައްޗަށްވެސް އޮތްވާޖިބެކެވެ.

ނަމަވެސް ހިތާމައަކީ މައިންބަފައިން އުމުރުން ދުވަސްވުމުން އެމީހުންނާ ހެދި އުނދަގޫވާ ދަރިން މިޒަމާނުގައި ގިނަކެމެވެ.

ޅ. ނައިފަރުގެ ގެއެއްގައި އުމުރުން ދުވަސްވީ ފިރިހެނަކާ ދިމާލަށްއޭނާގެ ފިރިހެން ދަރިއަކު އެއްޗެހިގޮވާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުން އެބަދެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އުމުރުން ދުވަސްވީ އެމީހާއަކީ ވަރަށް ފަހުން އެއްފަޅި ވާގިނެތިފައިވާ މީހެކެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެރަށު ގެއެއްގައި އުޅޭ ޒުވާން ފިރިހެނަކު އޭނާގެ އުމުރުން ދުވަސްވީ ބައްޕައާއި ދިމާލަށް ހަޑިހުތުރު އެއްޗެހި ގޮވާކަމީ އެހިސާބުގަނޑު އެންމެންނަށްވެސް އެނގޭކަމެކެވެ. ބައެއް ފަރާތްތަކުން ބުނިގޮތުގައި އޭނާ އޭނާގެ ބައްޕައަށް އަނިޔާވެސްކުރެއެވެ.

ރޭގެ ވަގުތެއްގައި އެފިރިހެންމީހާ އޭނާގެ ބައްޕައާއި ދިމާލަށް ރަޙުމެއްނެތި އެއްޗެހި ކިޔުމުން، އޭނާގެ މަންމަ އޭނާ ހުއްޓުވަން މަސައްކަތް ކުރި ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

"މިއަދުނޫހަށް" އިތުބާރުހުރި ފަރާތަކުން މިހާދިސާއާއި ގުޅޭގޮތުން މައުލޫމާތު ދެމުންބުނީ، ސޯޝަލްމީޑިއާ ގައި ދައުރުވި ވީޑިއޯ ރިކޯޑުކުރި މީހާ ނައިފަރުޕޮލިސް ސްޓޭޝަނަށް ދިޔައިރު، އުމުރުން ދުވަސްވީ ބައްޕައާއި ދިމާލަށް ހަޑި ހުތުރު އެއްޗެހިކީ އެމީހާ ވެސް އެއިދާރާއަށް ހާޒިރުކޮށްފައިވާކަމަށެވެ.

މިކަމާއި ގުޅޭގޮތުން ފުލުހުންގެ ބަހެއްހޯދާލުމަށް ގުޅާލުމުން، ފޯނަށްޖަވާބު ނުދެއްވުމުގެސަބަބުން ފުލުހުންގެ ބަހެއްވަނީ ލިބޭގޮތް ނުވެފައެވެ.
މިއަދު އޮންލައިން