މަސްވެރިކަން ކުރާ އުޅަނދުފަހަރުތަކަށް، ފަހުގެ ޓެކްނޮލޮޖީގެ "އިމޭޖް ސްޓެބިލައިޒޭޝަން" ދުރުމި ހިލޭ ދޫކުރުމުގެ ޕްރޮގްރާމެއް ހިންގުމަށް ފިޝަރީޒް މިނިސްޓްރީން ނިންމައިފިއެވެ.
ފިޝަރީޒް މިނިސްޓްރީން މިދިޔަ އާދީއްތަ ދުވަހު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، އެ ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހިލޭ އެހީގެ ގޮތުގައި 100 ދުރުމި ދޫކުރަން ހަމެޖެހިފައިވާކަމަށެވެ. އެ ގޮތުން ކޮންމެ އުޅަނދަކަށް ދޫކުރަނީ އެއް ދުރުމިކަމަށާއި ދުރުމި ދޫކުރާނީ އުޅަނދުގެ ވެރިފަރާތަށްކަމަށް އިއުލާނުގައި ބުނެފައިވެއެވެ.
އެ ޕްރޮގްރާމްގެ ތެރެއިން ދޫކުރަން ހަމަޖެހިފައިވާ "އިމޭޖް ސްޓްބިލައިޒޭޝަން" ދުރުމިއަކީ ޚާއްޞަ ޓެކްނޮލޮޖީއެއް ހިމެނިފައިވާ އުދަރެސް ގިނަ ވަގުތު ބެލުމަށް ފަސޭހަވާފަދަ ދުރު ރާސްތާގެ ދުރުމިއެކެވެ.
ފިޝަރީޒް މިނިސްޓްރީން ކުރި އިއުލާންގައިވާ ގޮތުންނަމަ، އެ ޕްރޮގްރާމްގެ ދަށުން ދުރުމި ދޫކުރެވޭނީ ކަނޑުމަހުގެ މަސްވެރިކަމާއި އަތުނަނުގެ ބޮޑު ކަންނެލީގެ މަސްވެރިކަމުގައި ޚަރަކާތްތެރިވާ އުޅަނދުތަކަށް ކަމަށާއި ފާއިތުވެދިޔަ ތިން އަހަރުގެ ތެރޭގައި މަސްވެރިކަން ކުރުމުގެ ލައިސަންސް ކޮންމެ އަހަރަކު ވެސް އާކޮށްފައިވާ އުޅަނދުތަކަށް ކަމަށެވެ. އޭގެ އިތުރުން ޤައުމީ ސަލާމަތަށް ނުރައްކާވާފަދަ ޣައިރު ޤާނޫނީ ހަރަކާތެއްގައި ހަރަކާތްެތެރިވެފައިވާ ނުވަތަ ބޭނުންކޮށްފައިވާ އުޅަނދަކަށްވެގެން ނުވާނެކަމަށެވެ.
މިޕްރޮގްރާމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ދުރުމި ހޯދުމަށް އެދި ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ 20 މެއި 2018 ވާ އާދީއްތަ ދުވަހުގެ 14:00 އެވެ. ފޯމު ފިޝާރީޒް މިނިސްޓްރީގެ ވެބްސައިޓުންނާއި ރިސެޕްޝަނުން ރަސްމީ ގަޑީގައި ލިބެން ހުންނާނެއެވެ..
އެ ޕްރޮގްރާމްގެ ދަށުން ދުރުމި ދޫކުރަމަށް ކަނޑައެޅިފައިވާ އަދަދަށްވުރެ ގިނަ އުޅަނދުފަހަރުތަކުން ކުރިމަތިލައިިފިނަމަ، ދުރުމި ދޫކުރުމުގައި އިސްކަންދޭނެ ކަންތައް:
(ހ) މަސްވެރިކަން ކުރުމުގެ ލައިސަންސްގެ ޝަރުޠުތަކާ އެއްގޮތްވާގޮތުގެ މަތިން [ދުވަހު މަސްވެރިކަމުގެ މަޢުލޫމާތު ފޯމް މިނިސްޓްރީއަށް ފޮނުވާފައިވާ އުޅަނދުފަހަރު.
(ށ) ދުރަށް ދަތުރުކޮށް ކަނޑުހިނގާ އައިނުން މަސްވެރިކަން ކުރުމުގެ ޤާބިލުކަންހުރި އުޅަނދުފަހަރު.
(ނ) ފާއިތުވެދިޔަ 3 އަހަރު ލައިސަންސް ލިބިގެން މަސް ގަތުމުގައި ޙަރަކާތްތެރިވާ ކުންފުނިތަކަށް އެންމެ ގިނަ އަދަދަކަށް މަސް ކިރުވާފައިވާ އުޅަނދުފަހަރު.
(ރ) މިނިސްޓްރީގެ ފަރާތުން މަސްވެރިކަން ރާވާ، ހިންގާ އަދި ބެލެހެއްޓުމުގަޔާއި މަސްވެރިކަން ކުރިއެރުވުމުގައި ހިންގާ އެކިއެކި ޕްރޮގްރާމް ތަކުގައި އެއްބާރުލުން ދީފައިވާ އުޅަނދުފަހަރު.