މޭލޭގައި ހުރި ގެއެެއް ބަލައި ފާސްކޮށް، ތިން ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު ދެ މީހަކު ފުލުހުން ހައްޔަރު ކޮށްފިއެވެ.
ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މައުލޫމާތު ދެއްވަމުން ފުލުހުން ބުނެފައިވަނީ މިއަހަރުގެ އޭޕްރިލް މަހުގެ 27 ވަނަ ދުވަހުގެ ރޭ 20:00 ހާއިރު ދެ ދިވެއްސަކު މަސްތުވާތަކެތީގެ މުއާމަލާތެއް ކުރާކަމުގެ މައުލޫމާތު ލިބުމުން ހިންގި އޮޕަރޭޝަނެއްގައި ދިވެހި ދެ ފިރިހެނުން ހައްޔަރު ކޮށްފައިވާ ކަމަށެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި އެމައްސަލައާއި ގުޅިގެން ހައްޔަރު ކޮށްފައިވަނީ ގދ. ފަރެސްމާތޮޑާ/ސަމަން، ސަދޫދު ސާމިއު (21އ.) އާއި ހަމަ އެރަށު މީނާޒް ވިސާމް ސާމިރު (26އ.) އެވެ.
މަސްތުވާތަކެތި ގެންގުޅޭކަމުގެ މައުލޫމާތާއި އެކު އެ ދެ މީހުން އެތަކެތި ރައްކާކޮށްފައިވާ ކަމަށް ބެލެވޭ ގ. ވެގާ ބަލައި ފާސް ކުރެވުނު ކަމަށާއި އެގޭގައި ހުރި ފޮށިގަނޑެއްގެ ތެރޭގައި ހުރި މަސްތުވާތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށް ވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
މީގެއިތުރުން އެގެއިން ފުލުހުންނަށް ހޯދުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަށް ބަލާއިރު، އެތަކެތި ތިން ކިލޯއަށްވުރެ ގިނަ ކަމަށާއި އެފޮށިގަނޑުގައި ފައިސާއާއި މަސްތުވާތަކެތި ކިރުމަށް ބޭނުންކުރާ އާލާތްހުރި ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
މިމައްސަލައިގާ ހައްޔަރު ކުރެވުނު ދެމީހުންނަކީ ވެސް މާރާމާރީއާއި ވައްކަމުގެ ރިކޯޑްސް އޮންނަ ދެމީހުން ކަމަށާއި ބަނގުރާ ބޭނުންކޮށް ގެންގުޅުމުގެ ކުށުގެ ރިކޯޑްސް ވެސް އޮންނަ ދެމީހުންކަން ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވަނީ ފާހަގަ ކޮށްފައެވެ.
ހައްޔަރު ކުރެވުުނު އެދެމީހުން ވެސް ވަނީ މަސްތުވާ ތަކެއްޗަށް ޕޮޒިޓިވްވެފައި ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.