ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބޭސްފަރުވާގެ ކަންކަމުގައި ދައުލަތުން އިހުމާލުވާކަމަށް ވިދާޅުވެ ކަރެކްޝަންސް ސާވިސްއާ ދެކޮޅަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓަށް ބެލެން ނެތްކަމަށް ނިންމައިފިއެވެ.
އަދީބުގެ ފަރާތުން ސިވިލް ކޯޓަަށް ހުށަހެޅި މައްސަލަ ސިވިލް ކޯޓަށް ބެލެން ނެތްކަމަށް ނިންމަވަމުން އެ ކޯޓުން މިއަދު އިއްވި ހުކުމުގައި ބުނެފައިވަނީ، އެ މައްސަލާގައި ކަރެކްޝަނުން ހަދާފައިވާ ޤަވާއިދުގައި ފުރިހަމަކުރަން ޖެހޭ އިޖުރާއަތްތައް ފުރިހަމަކޮށްފައި ނުވާތީ އެ މައްސަލަ ބެލުމުގެ އިހުތިސާސްއެއް އެ ކޯޓަށް ލިބިގެންނުވާ ކަމަށެވެ.
އަދީބުގެ ލޮލަށް ނުރައްކާތެރި ބައްޔެއްކަމަށްވާ ގުލޮކޮމާ ޖެހިފައިވާކަމަށް ބުނެ އަދީބުގެ ޢާއިލާއިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި އެ ބައްޔަށް ޚާއްޞަ ޓެސްޓުތަކެއް ހެދުމަށް ރާއްޖެއިން ބޭރަށް ގެންގޮސްދިނުމަށް އެދި ޑޮކްޓަރަކު ވެސް ވަނީ ލިޔުމެއް ދީފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދަތުރުކުރެއްވި ފިނިފެންމާ ލޯންޗުކޮޅު ގޮއްވާލި މައްސަލައާއި، ފިސްތޯލަ ގެންގުޅުނު މައްސަލައާއި، އެމްއެމްޕީއާރުސީ ޚިޔާނަތުގެ ބައެއް މައްސަލަތަކުގައި އަދީބު ހުންނެވީ 33 އަހަރުގެ ޖަލު ހުކުމެއްގައެވެ.