މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ގެއްލުވާލި މައްސަލައިގެ ޝަރިއަތުގެ އަޑުއެހުމެއް މާދަމާ ހެނދުނު 10:00 ގައި ކްރިމިނަލް ކޯޓުގައި ބޭއްވުމަށް ތާވަލްކޮށްފިއެވެ.
މާދަމާ ބޭއްވުމަށް ތާވަލްކޮށްފައިވަނީ މިމައްސަލާގައި ދައުލަތުން ދައުވާ އުފުލާފައިވާ ތިން މީހުންގެ މައްޗަށް ހިންގާ ޝަރީއަތުގެ އަޑުއެހުމެކެވެ.
ރިލްވާން ގެއްލުވާލި މައްސަލާގައި ދައުވާ ކޮށްފައިވަނީ ގ. ހިލްޓަން އާލިފް ރައޫފް އާއި ގދ. ވާދޫ ކަރަންކާގޭ މުޙައްމަދު ނޫރައްދީންގެ އިތުރުން ސ. ހުޅުދޫ އަތިރިއާގޭ މުޙައްމަދު ސުމައިދުގެ މައްޗަށެވެ.
މިތިން މީހުންގެ މައްޗަށްވެސް ދައުލަތުން ކޮށްފައިވަނީ ޓެރަރިޒަމްގެ ދައުވާއެވެ. އޭގެ ތެރެއިން ސުމައިދު ރާއްޖެއިން ބޭރުގައި މަރުވެފައިވާ ކަމަށް ބެލެވޭކަމަށް ދައުލަތުން މީގެ ކުރިން ކޯޓުގައި ބުނެފައިވުމުން މިހާރު އެދައުވާގެ ޝަރީއަތް ކުރިއަށް ގެންދަނީ އާލިފް އާއި ނޫރައްދީންގެ މައްޗަށެވެ.