ޖުމްހޫރީ ޕާޓީން ޚާއްޞަ ހަރަކާތްތަކެއް ފަށަނީ
ޖުމްހޫރީ ޕާޓީން ޚާއްޞަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށްޓަކައި 2 މަސް ދުވަހަށް ކުރިއަށް ގެންދާ ކެމްޕޭނެއް މާދަމާ ރޭ ފަށަން ނިންމައިފިއެވެ. މިހަރަކާތް ފެށުމުގެ ރަސްމިއްޔާތު ބާއްވާނީ މާދަމާ ރޭ 9:00 ގައި ޕާޓީގެ އިދާރާ މ. ކުނޫޒުގައެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކައުންސިލް މެންބަރު ޑރ. ޢަބްދުﷲ މަޢްޞޫމް މިއަދު ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ގިނަ އަދަދެއްގެ މެންބަރުންނަށް ނުއެނގި އިލެކްޝަންސް ކޮމިޝަނުން ޕާޓީގެ މެންބަރުކަމުން ވަކިކޮށްފައިވާތީ އެ މެންބަރުން އަލުން ޕާޓީއަށް ވެއްދުމުގެ މަސައްކަތް މިކެންޕޭނުގައި ކުރިއަށް ގެންދާނެ ކަމަށެވެ.
"މިހާރު ސްކޫލް ނިމިގެން ތިބި ކުދިންގެ ތެރެއިން ވަކިޕާޓީއަކާއި ނުގުޅި ތިބި ކުދިންނަށް ޖުމްހހޫރީ ޕާޓީ އާއި ޕާޓީގައި އެކުދިންނަށް ހުރި ފުރުޞަތު ތައްވެސް މި ކެންޕޭނުގެ ތެރެއިން އަންގައިދެވޭނެ. އަދި ޕާޓީ އާއި އަލަށް ގުޅެން ބޭނުންވާ މެންބަރުން ޕާޓީ އާއި ގުޅުމުގެ ކަންކަން ވެސް ކުރިއަށް ގެންދާނެ."
ޑރ. މަޢްޞޫމް ވިދާޅުވީ މިކެންޕޭނުގެ ތެރެއިން ސިޔާސީ ޕާޓީތަކުން ކުރަމުން ގެންދަނީ އިތުބާރު ހިފޭ ޤައުމީ މަސައްކަތްތަކެއްކަން ރައްޔިތުންނަށް އަންގައިދޭނެ ކަމަށެވެ.
"ސިޔާސީ ޕާޓީތަކަށް މިހާރު މިވަނީ ވަރަށް ބޮޑެތި މައްސަލަތައް ކުރިމަތިވެފަ. ޕާޓީތަކުގެ އަމިއްލަ މަސައްކަތްކުރުމުގެ ބަދަލުގަ މިހާރު އަބަދު ކުރަން މިޖެހެނީ ތަފާތު މަސައްކަތްތަކެއް. ޤާނޫނާ ޚިލާފަށް ސަރުކާރުން ކުރާ މަސައްކަތްތަކަށް ރައްޔިތުން ހޭލުންތެރިކުރުވުމުގެ މަސައްކަތް އަބަދު ކުރަން މިޖެހެނީ."
ޑރ. މަޢްޞޫމް ވިދާޅުވީ ހުރިހާ އިދިކޮޅު ޕާޓީތައް ގުޅިގެން ކުރާ މަސައްކަތްތައް މިހާރުވެސް ބާރަށް ކުރިއަށް ގެންދާ ކަމަށެވެ. އަދި ޕާޓީތަކުން އަމިއްލަ އިވެންޓްތައް ކުރިއަށް ގެންދަނީ ޕާޓީތަކަށް މައުލޫމާތުދީ ވަގުތު ހޯދައިގެން ކަަމަށެވެ.