ރާއްޖޭގެ ހުރިހާ ބޭންކްތަކެއް ހިއްޞާގެ ބާޒާރަށް ނެރެނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 43ސ
ރާއްޖޭގެ ހުރިހާ ބޭންކްތަކެއް ހިއްޞާގެ ބާޒާރަށް ނެރެނީ

ރާއްޖޭގެ ހުރިހާ ބޭންކްތަކެއް ހިއްޞާގެ ބާޒާރަށް ނެރެން މަސައްކަތްކުރަމުން ގެންދާ ކަމަށް އެމްއެމްއޭގެ ގަވަރުނަރު އަޙްމަދު ނަޞީރު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ އިސްލާމިކް ބޭންކުން ރޭ އިފްތިތާޙްކުރި އެޕް "ފައިސާ މޯބައިލް" ތަޢާރަފްކުރުމަށް ހޮޓެލް ޖެންގައި ރޭ ބޭއްވި ރަސްމިއްޔާތުގައި އަހްމަދު ނަޞީރު ވިދާޅުވީ އެމްއެމްއޭގެ ޤަވާއިދަށް ބަދަލު ގެނެސް މިހާރު ރާއްޖޭގައި ހުރި ބޭންކްތައް ކަނޑައެޅޭ މުއްދަތެއްގެ ތެރޭގައި ހިއްޞާގެ ބާޒާރަށް ނުކުތުން ލާޒިމުކުރާނެ ކަމަށެވެ. އަދި ބޭންކިންގ ލައިސަންސް އަލަށް ދޫކުރާއިރު އެކަމަށް އެކަމަށް ޝަރުޠުކުރަން ފަށާނެ ކަމަށެވެ.

އަދި މިކަމަށްޓަކައި އެމްއެމްއޭގެ ޤަވާއިދަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށެވެ.

އަޙްމަދު ނަޞީރު ވިދާޅުވީ މޯލްޑިވްސް އިސްލާމިކް ބޭންކް 2011 ވަނަ އަހަރު ހުޅުވީ ސަރުކާރުގެ 15 އިންސައްތަ ހިއްޞާ އާއި އައިސީޑީގެ 85 އިންސައްތަ ހިއްޞާ އޮވެގެން ކަމަށާއި ނަމަވެސް މިހާރު އެބޭންކުގެ ހިއްޞާއަށް ވަނީ ބަދަލު ގެނެވިފައި ކަމަށެވެ.

"ސަރުކާރުން ވަނީ އިތުރު 10 އިންސައްތަ ޙިއްޞާ ގަނެ ސަރުކާރުގެ ހިއްޞާ 25 އިންސައްތައަށް މަތިކޮށްފަ. އަމާނާ ތަކާފުލް އިން ވަނީ 5 އިންސައްތަ ހިއްޞާ ގަނެފަ. އެހެންވީމާ މިހާރު އައިސީޑީގެ ހިއްޞާއަކީ 70 އިންސައްތަ."

އިސްލާމީ ބޭންކުން އާންމުންނަށް ވަރަށް އަވަހަށް ހިއްޞާ ވިއްކަން ފަށާނެކަން ފާހަގަކުރައްވައި އަހްމަދު ނަޞީރު ވިދާޅުވީ އެއީ ޢާންމުންނަށާއި އެބޭންކަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި ހުރިހާ ބޭންކުތަކެއްގެ ހިއްޞާ ޢާންމުންނަށް ވިއްކުވަން ސަރުކާރުން މަސައްކަތްކުރަނީ ރައްޔިތުންނަށް ކުރިއެރުން ހޯދައި ދިނުމަށް ކަމަށެވެ.

ރާއްޖޭގައި އިސްލާމީ އުޞޫލުން ހިންގަނީ މޯލްޑިވްސް އިސްލާމިކް ބޭންކް އާއި ބީއެމްއެލް އިސްލާމިކް ބޭންކެވެ. އެހެން ބޭންކްތަކުން ކުރަނީ ރިބާ ހިމެނޭ މުޢާމަލާތުތަކެވެ.
މިއަދު އޮންލައިން