ރާއްޖޭގައި ހިންގާ އިސްލާމީ ބޭންކްތަކުގެ ވިޔަފާރި އިތުރަށް ފުޅައުކޮށް އަވަށްޓެރި ޤައުމުތަކަށް ޚިދުމަތް ދިނުމުގެ ފުރުޞަތު ވަަރަށް ބޮޑު ކަމަށް އެމްއެމްއޭގެ ގަވަރުނަރު އަޙްމަދު ނަޞީރު ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ އިސްލާމިކް ބޭންކުން ރޭ އިފްތިތާޙްކުރި އެޕް "ފައިސާ މޯބައިލް" ތަޢާރަފްކުރުމަށް ހޮޓެލް ޖެންގައި ރޭ ބޭއްވި ރަސްމިއްޔާތުގައި އަހްމަދު ނަޞީރު ވިދާޅުވީ ރާއްޖޭގައި އިސްލާމީ ބޭންކިންގ އިތުރަށް ފުޅައުކޮށް ވަރުގަދަ ކުރެވިއްޖެ ނަމަ އަވަށްޓެރި އިންޑިއާ އާއި ސްރީލަންކާ އިންވެސް ރާއްޖޭގެ ބޭންކުތަކުން ޚިދުމަތް ހޯދަން ތިބީ ތައްޔާރަށް ކަމަށެވެ. އެހެންކަމުން އަމާޒުކުރަންވީ ރާއްޖެއަށް އެކަނި ނޫން ކަމަށާއި ބޯޑަރު ހުރަސްކޮށް ބޭރަށް ނުކުތުމަށްވެސް މަސައްކަތްކުރަންޖެހޭ ކަމަށެވެ.

އަޙްމަދު ނަޞީރު ވިދާޅުވީ ރާއްޖޭގައި އިސްލާމީ ބޭންކިންގ ފުޅާކުރަން ސަރުކާރުން މަސައްކަްތކުރަނީ މިފަދަ ފުރުޞަތުތައް އޮތުމުން ކަމަށާއި އިސްލާމިކް ބޭންކުގެ ޚިދުމަތްތައް އިތުރަށް ފުޅައުކުރުމުގެ އިތުރުން އިތުރު ބޭންކިންގ ސެންޓަރުތައްވެސް ބޭނުންވާ ކަމަށެވެ.

އަޙްމަދު ނަޞީރު ވިދާޅުވީ މޯބައިލް އެޕްލިކޭޝަން ތަޢާރަފްކުރުމުން ކޮންމެ ޤައުމެއްގައި ހުރެގެން ވެސް ބޭންކިންގ ޚިދުމަތުގެ ބޭނުންކުރެވޭނެ ކަމަށާއި މިއީ އިސްލާމީ ބޭންކުން ކުރިއަށް އެޅި މުހިންމު ފިޔަވަޅެއް ކަަމަށެވެ. އަދި 2011 ވަނަ އަަހަރު ރާއްޖޭގައި އިސްލާމީ ބޭންކު ހުޅުވިފަހުން ތަފާތު ދާއިރާތަކުން ކުރަމުން ގެންދާ ޚިދުމަތްތައް ފުޅައުކޮށް ގިނަ ދާއިރާތަކަކުން ޚިދުމަތް ދެމުން ގެންދާކަން ޚާއްޞަ ގޮތެއްގައި ފާހަގަކުރައްވާ ކަމަށެވެ.

އަޙްމަދު ނަޞީރު ވިދާޅުވީ ނަގުދު ފައިސާ ބޭނުންކުރުން މަދުކުރުމަށްޓަކައި އެމްއެމްއޭއިން ވެސް ގެންދަނީ މޯބައިލް އެޕްލިކޭޝަނެއް ތަޢާރަފްކުރަން މަސައްކަތް ކުރަމުން ކަަމަށެވެ. އެހެންކަމުން އިސްލާމީ ބޭންކުގެ މި އޕްލިކޭޝަނަކީ އެ މަސައްކަތަށް ލިބުނު އިތުރު ހިތްވަރެއް ކަމަށެވެ.