ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިންގެ މައްޗަށް އުފުލާފައިވާ ޓެެރަރިޒަމް ދައުވާގެ މައްސަލައިގައި މިއަދު ބޭއްވުމަށް ތާވަލުކޮށްފައިވާ ޝަރީއަތުގެ އަޑުއެހުން ކެންސަލްކޮށްފިއެވެ.
މިއަދު މެންދުރުފަހު 1:00 ގައި ކްރިމިނަލް ކޯޓުގައި ބޭއްވުމަށް ތާވަލުކޮށްފައިވަނީ އެ ޝަރީއަތުގެ އިބްތިދާއީ އަޑުއެހުމެކެވެ. ނަމަވެސް އެ އަޑުއެހުން ކެންސަލްކޮށްފައިވާކަން ކޯޓުން އެންގީ މެންބަރު ސައުދު ކޯޓަށް ހާޒިރުވި ފަހުންނެވެ.
ޓެރަރިޒަމް ޢަމަލެއް ކުރުމަށް ރޭވިކަމުގެ ކުށުގެ ދައުވާ ސައުދުގެ އިތުރުން ދައުލަތުން ވަނީ އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ސީނިއާ ޕޮލިސޯ އެގްޒެކެޓިވް އިބްރާހިމް ހަނީފުގެ މައްޗަށް ވެސް އުފުލައިފައެވެ.
ސައުދާއި ހަނީފުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވަނީ، ހައި ކޯޓުގެ ފަނޑިޔާރު ޝުޖާއު އުސްމާނަށް ބިރުދެއްކިކަމަށް ބުނާ މައްސަލައެއްގައެވެ.
މި ދައުވާއާ ގުޅިގެން ސައުދު ވިދާޅުވީ މިއީ ރައްޔިތުންގެ ހައްޤުގައި މަސައްކަތްކުރާތީ ފުލުހުން އޭނާ "ފްރޭމް" ކޮށްގެން ހިންގައި ދައުވާއާއި ޝަރީއަތެއް ކަމަށެވެ.