ރަމަޟާން މަހު އެހެން ބޭންކްތަކަށް ވުރެ ގިނަ ވަގުތު ބީއެމްއެލްއިން ޚިދުމަތް ދެނީ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 23ސ
ރަމަޟާން މަހު އެހެން ބޭންކްތަކަށް ވުރެ ގިނަ ވަގުތު ބީއެމްއެލްއިން ޚިދުމަތް ދެނީ
ބޭންކް އޮފް މޯލްޑިވްސް އިން ރަމަޟާން މަހު އެހެން ހުރިހާ ބޭންކްތަކަށްވުރެ ގިނަ ވަގުތު ކަސްޓަމަރުންނަށް ޚިދުމަތްދިނުމަށް ނިންމައި ޚިދުމަތްތައް ފޯރުކޮށްދޭނެ ވަގުތުތައް އިއުލާންކޮށްފިއެވެ.

މިގޮތުން މާލޭގައި ހުރި ބޭންކްގެ ހުރިހާ ބްރާންޗެއް ހެނދުނު 10:00 އިން ފެށިގެން މެންދުރުފަހު 2:00 އަށް ހުޅުވުމަށްވަނީ ހަމަޖެހިފައެވެ. ބީއެމްއެލްގެ އެހެނިހެން ބްރާންޗް ތައް ހުޅުވުމަށް ހަމަޖެހިފައިވަނީ ހެނދުނު 10:30 އިން މެންދުރުފަހު 1:00 އަށެވެ.

ބޭންކުން ޤާއިމުކޮށްފައިވާ35 ސެލްފް ސަރވިސް ބޭންކިންގ ސެންޓަރު މެދުވެރިކޮށް ކަސްޓަމަރުންނަށް ޑިޕޮސިޓްކުރުމާއި، ފައިސާނެގުމާއި، ފައިސާ ފޮނުވުމުގެ ޚިދުމަތް 24 ގަޑި އިރު އަދިވެސް ލިބޭނެއެވެ. އަދި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކުން ކޭޝް އެޖެންޓުން މެދުވެރިކޮށް ފައިސާ ނެގުމުގެ ޚިދުމަތްވެސް ރަމަޟާންމަހު ލިބޭނެއެވެ.

ބީއެމްއެލްގެ ހެޑްއޮފްރީޓެއިލް ބޭންކިންގ މޫސާ ނިމާލް ވިދާޅުވީ "މާލޭގައި ބޭންކިންގ ޚިދުމަތްތަކަށް އޮންނަ ޑިމާންޑް ބޮޑު އިރު ވީހާވެސް ގިނަ ބަޔަކަށް ރަމަޟާން މަހު ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކާ އަޅުގަނޑުމެން ނިންމާފައި މިވަނީ ރަމަޟާން މަހު މާލޭގެ ހުރިހާ ބްރާންޗަކުންވެސް ހަތަރު ގަޑިއިރު ޚިދުމަތްތައް ފޯރުކޮށްދޭން. ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމްކޮށްފައިވާ ބީއެމްއެލްގެ 35 ސެލްފް ސާވިސް ބޭންކިންގ ސެންޓަރތަކުން އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް 24 ގަޑިއިރު އަދިވެސް ޚިދުމަތް ހޯދޭނެ. އަދި ކަސްޓަމަރުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް އަޅުގަނޑުމެންގެ ކޮންޓެކްޓް ސެންޓަރގެ ޚިދުމަތްވެސް 24 ގަޑިއިރު ލިބެމުންދާނެ." ކަމަށެވެ.



މިއަދު އޮންލައިން