ދިވެހި ސަރުކާރު ޤާނޫނާއި ޚިލާފަށް ވައްޓާލުމަށް ދަގެނތި ދާއިރާގެ މެންބަރު އިލްހާމް އަޙްމަދު ރިޝްވަތު ދެއްވި ކަމަށް ސަރުކާރުން ތުހުމަތުކުރި ނަމަވެސް އަދި މިހައިތަނަށްވެސް ރިޝްވަތު ދެއްވީ ކާކަށްކަން ސަރުކާރުން ބުނެފައި ނުވާކަމަށް މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރޮޒައިނާ ވިދާޅުވީ ހެކި ފޮރުވަފާނެ ކަމުގެ ބިރަށް މީހަކު ހައްޔަރުކުރަންޖެހޭ ޙާލަތު ޤާނޫނުގައި އޮންނަ ކަމަށާއި އެހާލަތަށް އިލްހާމްގެ މައްސަލަ ނުފެތޭ ކަމަށެވެ. "އިލްހާމް ކުރެއްވި ކަމަށް ސަރުކާރުން ތުހުމަތުކުރާ ކަންކަން ކުރެއްވި ކަމަށް ބުނާތާ 4 މަހަށްވުރެ ގިނަވެއްޖެ. ވީމާ އެއްޗެއް ފޮރުވާނެ ނަމަ އޮންނާނީ ފޮރުވާ ނިމިފަ. އިތުރަށް ފޮރުވާނެ އެއްވެސް އެއްޗެއް މިހާރަކު ނޯންނާނެ."
ރޮޒައިނާ ވިދާޅުވީ ޝަރީއަތުން ހުކުމެއް ނުއިއްވަނީސް މީހަކު ބަންދުގައި ބަހައްޓަން ޖެހޭނީ އެމީހެއްގެ ސަބަބުން މުޖުތަމައުއަށް ނުރައްކައުތެރިވެދާނެ ކަމުގެ ބިރު އޮތުމުން ކަމަށާއި ނަމަވެސް އިލްހާމަކީވެސް އަދި ބަންދުކޮށްފައި ތިބި އެހެން ސިޔާސީ ކުށްވެރިންނަކީވެސް ކުށުގެ އެއްވެސް ރެކޯޑެއް އޮތް މުޖުތަމައުއަށް އެއްވެސް ނުރައްކަލެއް އޮތް ބައެއްވެސް ނޫން ކަމަށެވެ.
ރޮޒައިނާ މިރޭ ވިދާޅުވީ ދިވެހި ސަރުކާރުން ޓެރަރިޒަމްގެ ތުހުމަތު މީހަކަށް ކޮށްފިނަމަ ބޭރުގެ ފަރާތުން މިހާރު އެކަން ނަގަނީ ބޮޑު ޖޯކެއްގެ ގޮތުގައި ކަމަށެވެ. އަދި ފުރަތަމަވެސް ބަލަނީ އެމީހަކީ ސިޔާސީ މީހެއްތޯ ކަމަށެވެ.