އިދިކޮޅޫ ފަރާތްތަކަށް މެލޭސިޔާގެ އިންތިޚާބު އެހައި ފަސޭހަކަމާއިއެކު ކާމިިޔާބުކުރެވުނީ ޖަލުގައި ބަންދުކޮށްފައިވާ ކުރީގެ މާލީ ވަޒީރު އަންވަރު އިބްރާހީމްގެ ފުރިހަމަ ތާއީދާއިއެކުގައި ކަމަށްވުމުން މެލޭސިޔާގައި ނިމިގެން ދިއަ އިންތިޚާބު އަންގައިދިނީ ޖަލުގައި އޮތް ނަމަވެސް ޤައުމަށް ވެރިއަކު އިންތިޚާބު ކުރުމުގައި ނުފޫޒު ފޯރުވޭނެކަމެވެ.
ޖަލުގައި އޮތް ނަމަވެސް އަންވަރު އިބްރާހީމްގެ ސަޕޯޓަރުން ތިބީ އޭނާ އާއިއެކުގައެވެ. އެމީހުން ވޯޓު ދިނީ އަންވަރު ބޭނުންވާ ގޮތަށެވެ. އަންވަރު އިދިކޮޅަށް ތާއީދުކުރީ އޭނާ ޖަލުން މިނިވަންކޮށްދޭން މަހާތީރު ވައުދުވުމުންނެވެ. އަދި މިނިވަންވުމުން ސަރުކާރުގެ އިސް މަޤާމެއް ދޭންވެސް ވައުދުވުމުންނެވެ.
މެލޭސިޔާގެ އިންތިޚާބު އިދިކޮޅަށް ކާމިޔާބުކުރެވުނު ދެވަނަ ސަބަކީ މަހާތީރު އޭނާގެ ޕާޓީ ދޫކޮށް އިދިކޮޅާއި ގުޅުމުންނެވެ. އިދިކޮޅުން ވެސް މަހާތީރަކީ ބަޠޮލެއް ކަމަށް ބަލައިގަތުމުންނެވެ. އެހެންކަމުން މެލޭސިޔާގައި ނިމިގެންދިއަ އިންތިޚާބަކީ އިބްރަތްތެރި ގިނަ ފިލާވަޅުތަކެއް ނަގައިދިން އިންތިޚާބެއް ކަމަށް ވަނީ ބެލެވިފައެވެ. މެލޭސިޔާގެ އާންމު އިންތިޚާބުގައި ރާއްޖެ އާއި ގުޅުންހުރި އިތުރު ކަމެއްވެސް ވަނީ ފާހަގަކުރެވިފައެވެ. އެއީ ބޮޑުވަޒީރު ނަޖީބު ރާއްޖެ އައުމެވެ. ރާއްޖެއަށް އަންނަ ބޮޑުވަޒީރުންނަށް މާގިނަ ދުވަހު މަޤާމުގައި ހުރެވުމަކީ ނާދިރުކަމެއްކަން ތާރީޚުން އެނގެއެވެ. ބޮޑުވަޒީރު މޯދީ ރާއްޖެ ވަޑައިނުގަންނަވާ ސަބަބަކީވެސް އެ ވިސްނުންފުޅު ކަމަށްވެދާނެއެވެ.