މެލޭޝިއާގެ އިންތިޚާބުން ލިބުނު ފިލާވަޅު ރާއްޖެ ދަސްކުރަންޖެހޭ: ޑރ.ވަހީދު
މެލޭޝިއާގައި އިއްޔެ ބޭއްވި އިންތިޚާބުން، އުމުރަކީ ވާދަނުކުރެވޭންވީ ސަބަބެއް ނޫންކަން ސާބިތުކޮށްދީފައިވާ ކަމަށާއި އެ ފިލާވަޅު ރާއްޖެ ދަސްކުރަންޖެހޭ ކަމަށް ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.
ޑރ.ވަހީދު މިހެން ވިދާޅުވީ މެލޭޝިއާގެ އިންތިޚާބުން އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް މަހާތިރު މުހައްމަދު ކާމިޔާބުކުރެއްވުމާ ގުޅިގެން މަހާތިރަށާއި އޭނާގެ ކޯލިޝަނަށް މަރުހަބާ ދަންނަވާ ކުރެއްވި ޓްވީޓެއްގައެވެ.
މެލޭޝިއާގެ ބޮޑުވަޒީރުކަން ކުރިން ވެސް ކުރައްވާފައިވާ މަހާތިރު އަލުން ބޮޑުވަޒީރުކަމަށް އިންތިޚާބުވެވަޑައިގަތީ އުމުރުން 92 އަހަރުފުޅުގައެވެ. އެހެންކަމުން މަހާތިރު ވެވަޑައިގެންނެވީ ދުނިޔޭގެ އެންމެ ދޮށީ އިންތިޚާބީ ލީޑަރަށެވެ.
އެހެންވުމާއެކު ރައީސް ވަހީދު ކުރެއްވި ޓްވީޓްގައި އިޝާރާތްކުރައްވަނީ ރާއްޖޭގައި އުމުރުން 65 އަހަރުން މަތީގެ މީހުންނަށް އިންތިޚާބުގައި ވާދަނުކުރެއްވޭ ގޮތަށް، ރާއްޖޭގެ ޤާނޫނު އަސާސީއަށް ގެނައި އިސްލާހަށްކަމަށް ބެލެވެއެވެ. މި އިސްލާހާ ގުޅިގެން، ރާއްޖޭގެ ސިޔާސީ މައިދާނުގައި މިހާރު ވެސް ތިއްބެވި އަދި ކުރިން ރިޔާސީ އިންތިޚާބުތަކުގައި ވާދަކުރައްވައި ރައްޔިތުންގެ ރަނގަޅު ތާއީދެއް ވެސް ހޯއްދަވައިފައިވާ ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމަށް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު މިހާރަކު ނޯންނާނެއެވެ.
1981 ވަނަ އަހަރުން 2003 ވަނަ އަހަރަށް މެލޭޝިއާގެ ބޮޑުވަޒީރުކަން ކުރެއްވި މަހާތިރު މަޤާމު ދޫކޮށްލީ އަމިއްލަފުޅަށެވެ. އެހެން ނަމަވެސް އަލުން ސިޔާސީ މައިދާނަށް ނުކުމެވަޑައިގަނެ އިދިކޮޅު ކޯލިޝަނާ ގުޅިވަޑައިގަތީ، ވެރިކަންކުރާ ޕާޓީ ތެރޭގައި ކޮރަޕްޝަނާއި ފަސާދައިގެ މައްސަލަތައް ބޮޑުވުމުންކަމަށް ވިދާޅުވެއެވެ.