ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒާއި ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމްގެ މައްޗަށް ކުރާ ޓެރަރިޒަމް ދައުވާގެ މައްސަލާގައި މިއަދު ތާވަލުކުރި ޝަރީއަތުގެ އަޑުއެހުން ކެންސަލްކޮށްފިއެވެ.
ޢަބްދުﷲ ރިޔާޒުގެ ޝަރީއަތުގެ އަޑުއެހުން މިއަދު މެންދުރުފަހު 1:00 ގައި ކްރިމިނަލް ކޯޓުގައި ބޭއްވުމަށް ތާވަލުކުރިއިރު، ނަދީމްގެ ޝަރީއަތުގެ އަޑުއެހުން ތާވަލުކުރީ މެންދުރުފަހު 3:00 އަކަށެވެ. މި ދެ ޝަރީއަތުގެ އަޑުއެހުން ވެސް ކެންސަލްކޮށްފައިވާއިރު، ކެންސަލްކުރި ސަބަބެއް ކްރިމިނަލް ކޯޓުން ހާމަކޮށްފައެއް ނުވެއެވެ.
ރިޔާޒުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމް ޢަމަލެއް ކުރަން އުޅުނުކަމުގެ ދައުވާގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް އަދި ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް މަޤާމު އަދާކުރެއްވި ބޭފުޅެއްގެ ގޮތުގައި ހުންނަވާ އިތުރު ބަޔަކާ ގުޅިގެން ސަރުކާރު ވައްޓާލަން ރިޔާޒު މަސައްކަތްކޮށްފައިވާކަމަށެވެ.
ނަދީމްގެ މައްޗަށް ވެސް ޓެރަރިޒަމް ޢަމަލެެއް ކުރަން އުޅުނުކަމުގެ ދައުވާ ދައުލަތުން އުފުލާފައިވާއިރު، އެ ދައުވާގައި ބުނެފައިވަނީ، 2017 ވަނަ އަހަރުން ފެށިގެން ސަރުކާރު ވައްޓާލަން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކެއް ކުރަމުން ދިޔަ މަސައްކަތުގައި ނަދީމް ބައިވެރިވެ، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން އެކަމުގައި އެންގެވި އެންގުންތަކާ އެއްގޮތަށް ނަދީމް ޢަމަލުކޮށްފައިވާ ކަމަށެވެ.
ރިޔާޒާއި ނަދީމް ވެސް އެ ދެ ބޭފުޅުންގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާއަށް ވަނީ އިންކާރުކޮށްފައެވެ.