ރިޔާސީ އިންތިޚާބަށް ފޯކަލް ޕޮއިންޓުން ހޯދަން އިއުލާންކޮށްފި

ކިޔުމަށް ހޭދަވާނީ 2މ 19ސ
ރިޔާސީ އިންތިޚާބަށް ފޯކަލް ޕޮއިންޓުން ހޯދަން އިއުލާންކޮށްފި
މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚަބާށް ފޯކަލް ޕޮއިންޓުން ހޯދަން އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފިއެވެ.

އިލެކްޝަންސް ކޮމޝަން (އީސީ) އިން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވަނީ، ރިޔާސީ އިންތިޚާބަށް ރަށު ފޯކަލް ޕޮއިންޓުންގެ ގޮތުގައި 179 މީހުން، އަތޮޅު ފޯކަލް ޕޮއިންޓުންގެ ގޮތުގައި 18 މީހުން، އަދި އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީއަށް ޖުމުލަ ދެ ފޯކަލް ޕޮއިންޓުން ބޭނުންވާ ކަމަށެވެ.

ފޯކަލް ޕޮއިންޓްގެ އުޖޫރައިގެ ގޮތުގައި މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަށް 200 ރުފިޔާ ކަނޑައަޅާފައިވާއިރު، ފޯނު އެލަވަންސްގެ ގޮތުގައި މަހަކު 150 ރުފިޔާ ކަނޑައެޅިފައިވާކަމަށް އިސީއިން ބުނެފައިވެއެވެ.

ފޯކަލް ޕޮއިންޓެއްގެ ގޮތުގައި ކުރިމަތިލާ ފަރާތަކީ ރަށު ކައުންސިލް އިދާރާ ނުވަތަ އަތޮޅު ނުވަތަ ސިޓީ ކައުންސިލް އިދާރާއެއްގައި މަސައްކަތްކުރާ ފަރާތެއް ކަމުގައި ވާންޖެހެއެވެ. އަދި އެއްވެސް ސިޔާސީ ޕާޓީއެއްގެ އިންތިޚާބީ މަޤާމެއް ނުވަތަ ޕާޓީގެ ފަރާތުން އައްޔަންކޮށްފައިވާ މަޤާމެއް ފުރާމީހެއް ކަމުގައި ވެގެން ނުވާނެއެވެ.

އޭގެ އޮތުރުން ފޯކަލް ޕޮއިންޓްގެ މަޤާމަށް ކުރިމަތިލާ ފަރާތަކީ ރިޔާސީ އިންތިޚާބަށް ކުރިމަތިލާ އެއްެވެސް ކެންޑިޑޭޓެއްގެ ޢާއިލީ މެންބަރަކަށް ވެސް ވެގެން ނުވާނެކަމަށާއި ސިޔާސީ ހަރަކާތްތަކުގައި އިސް ރޯލެއް އަދާކުރާ ފަރާތަކަށް ވެސް ވެގެން ނުވާނެކަމަށް އީސީއިން ބުނެފައިވެއެވެ.

ފޯކަލް ޕޮއިންޓްގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި އިންތީޚާބުގެ ކަންތައްތަކާ ގުޅިގެން އީސީއާއި ރަށު، އަތޮޅު، އަދި ސިޓީ ކައުންސިލްގެ އިދާރާއާއި ދެމެދު ހިންގާ ހުރިހާ މުއާމަލާތްތައް ހިންގުމުގައި މެދުވެރިއެއްގެ ރޯލު އަދާކުރުން ހިމެނެއެވެ.
ފޯކަލް ޕޮއިންޓްގެ މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން މި މަހު 20 ވަނަ ދުވަހުގެ ކުރިން އީސީއަށް ހުށަހެޅުމަށް އީސީއިން ވަނީ އެދިފައެވެ.

ރިޔާސީ އިންތިޚާބުގެ މަސައްކަތްތައް އިލެކްޝަންސް ކޮމިޝަނުން ކުރިއަށްދާއިރު، އެ ކޮމިޝަންގެ މިނިވަންކަމާމެދު ބައެއް ފަރާތްތަކުން އަންނަނީ ސުވާލު އުފައްދަމުންނެވެ. އެ ގޮތުން، ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ތުހުމަތުކުރާ ގޮތުގައި އެ ކޮމިޝަން މިހާރު ހިންގަމުންދަނީ ވެރިކަންކުރާ ޕީޕީއެމް ބޭނުންވާ ގޮތަށް ކަމަށާއި އެ ހާލަތުގައި މިނިވަންކަމާއި އިންސާފުވެރިކަމާއެކު އިންތިޚާބު ނުބޭއްވޭނެކަމަށެވެ.

މި އަަހަރުގެ ސެޕްޓެމްބަރު މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަށް ވެރިކަންކުރާ ޕީޕީއެމްގެ ފަރާތުން ވާދަކުރާނީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ. އޭގެ އިތުރުން އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާނެކަން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް ވަނީ އިއުލާންކޮށްފައެވެ.

ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުން ގުޅިގެން އެއް ކެންޑިޑޭޓު ނެރުމަށް ނިންމާފައިވާއިރު، އެއީ ކޮން ކެންޑިޑޭޓެއް ކަމެއް އެ ޕާޓީތަކުން އަދި ހާމައެއް ނުކުރެއެވެ.


މިއަދު އޮންލައިން