ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ފޯރަމެއް ބާއްވައިފި

ކިޔުމަށް ހޭދަވާނީ 2މ 4ސ
ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ފޯރަމެއް ބާއްވައިފި
މި އަހަރުގެ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ޔުނިސެފް މޯލްޑިވްސްއާއި ޖެންޑާ މިނިސްޓްރީން ގުޅިގެން ޚާއްސަ ޗިލްޑްރަންސް ޑޭ ފޯރަމްއެއް ބާއްވާފިއެވެ.

ޗަމްޕާ ސެންޓްރަލް ހޮޓެލްގައި މިއަދު ބޭއްވި އެ ފޯރަމްގެ މަޤްޞަދަކީ ކުދިންގެ ބައިވެރިވުން އެކުލެވޭގޮތަށް، ޢާއިލީ، އިޖުތިމާޢީ އަދި ޤައުމީ ފެންވަރުގައި ކުދިންނާ ގުޅުންހުރި ކަންކަމުގައި އެ ކުދިންގެ ޚިޔާލާއި މަޝްވަރާ ހޯދުންކަމަށް ޖެންޑާ މިނިސްޓްރީން ބުނެއެވެ.



މިއަދު ބޭއްވި ފޯރަމްގައި ވާހަފުޅުދައްކަވަމުން ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވީ ކުޑަކުދިންނާ ގުޅުންހުރި ސިޔާސަތުތައް އެކަށައަޅާއިރު، ކުދިންގެ ޚިޔާލާއި މަޝްވަރާ ލިބުމަކީ މުހިންމު ކަމެއްކަމުގައި ފާހަގަކުރެއްވިއެވެ. އަދި މިފަދަ ފޯރަމްތައް މެދުވެރިކޮށް މުޖުތަމަޢުގެ ކަންކަމުގައި ބައިވެރިވުމަށް ކުދިންނަށް ލިބޭ ފުރުސަތުތަކުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފުމަށް ކުދިންނަށް މިނިސްޓަރު އިލްތިމާސްކުރެއްވިއެވެ.



މިއަދުގެ ޙަފްލާގައި މިނިސްޓްރީގެ އިތުރުން މިނިސްޓްރީ އޮފް ހެލްތު، މިނިސްޓްރީ އޮފް އެޑިއުކޭޝަން، މިނިސްޓްރީ އޮފް ހޯމް އެފެއާޒް، މޯލްޑިވްސް ޕޮލިސް ސަރވިސް، މޯލްޑިވްސް ގަރލް ގައިޑް އޮސޯސިއޭޝަން، ސެންޓަރ ފޯރ ހަޔަރ ސެކަންޑްރީ އެޑިއުކޭޝަން، ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލް އަދި އަޙުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.



މި ފޯރަމްއަށް ތައްޔާރުވުމުގެ ގޮތުން، މަތީ ސާނަވީ ގްރޭޑްތަކުގެ ދަރިވަރުންނާއި، ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި، ދައުލަތުގެ ބެލުމުގެ ދަށުގައި މަރުކަޒުތަކުގައި ދިރިއުޅޭ ކުދިންގެ ބައިވެރިވުން ހިމެނޭ ގޮތަށް ގއ.ވިލިނގިއްޔާއި މާލޭގައި ކޮންސަލްޓޭޝަން ސެޝަންތަކެއް ވެސް ވަނީ ބާއްވާފައެވެ.

މި މަހުގެ 2 އިން 3އަށް ގއ. ވިލިނގިލީގައި ކުރިއަށް ގެންދިޔަ ކޮންސަލްޓޭޝަން ސެޝަންތަކުގައި ގއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ 24 ކުދިންވަނީ ބައިވެރިވެފައެވެ. އަދި މާލޭގައި ބޭއްވި ކޮންސަލްޓޭޝަން ސެޝަންތަކުގައި ސެންޓަރ ފޯރ ހަޔަރ ސެކަންޑްރީ އެޑިއުކޭޝަން، ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް، އަޙުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ދަރިވަރުންނާއި، މޯލްޑިވްސް ގަރލް ގައިޑް އެސޯސިއޭޝަން އަދި ދައުލަތުގެ ބެލުމުގެ ދަށުގައި މަރުކަޒުތަކުގައި ދިރިއުޅޭ ކުދިން ހިމެނޭގޮތަށް 25 ކުދިންވަނީ ބައިވެރިވެފައެވެ.
މިއަދު އޮންލައިން