ރާއްޖޭގެ ހާލަތު މިހާރު އޮތް ގޮތް އެންމެންނަށްވެސް އެނގޭ ކަމަށާއި ހިއްވަރު ކުރިއަށް ނެރެ ރައްޔިތުން ގަދައަޅައި މަސައްކަތްކުރުމުން ރައްޔިތުން އެދޭ ގޮތް ކާމިޔާބު ކުރެވޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީގެ ފިކުރު ކުރިއަރުވައި މެންބަރޝިޕް އިތުރުކުރުމަށް މިރޭ ފެށި "ހޭއްވައްލާ" ކެންޕޭނު އިފްތިތާޙްކުރުމުގެ ޖަލްސާގައި ވީޑިއޯ މެދުވެރިކުރައްވައި ވާހަކަފުޅު ދައްކަވަމުން ޤާސިމް އިބްރާހީމް ވިދާޅުވީ ޤައުމުގެ ހާލަތު އެންމެންނަށްވެސް އެނގޭއިރު މިވަނީ ކަންކަން އިޞްލާޙުކޮށް ރަނގަޅުކުރުމަށްޓަކައި ކުރާ މަސައްކަތްތައް އިތުރަށް ވަރުގަދަކުރަންޖެހިފައި ކަމަށެވެ.
"ޤައުމުގެ ކަންކަން މިހާލަތުގައި އޮތް ނަމަވެސް ހިތްނުޖެހުން ބޭއްވުމެއް ނެތް. މެލޭސިޔާގެ އިންތިޚާބުގެ ނަތީޖާ ވެސް ދައްކައިދިނީ އިބްރަތް ހާޞިލުކުރަންޖެހޭނެ ކަންތައްތަކެއް. އުމުރުފުޅުން 92 އަހަރުގެ ބޭފުޅަކު އިންތިޚާބު ކާމިޔާބުކުރެއްވީ މުޅިން އަލަށް ޕާޓީއެއް އުފައްދަވައިގެން. މިއީ ޤައުމުގެ ހުރިހާ ނިޒާމުތަކެއް އިޞްލާޙްކުރަން އައު އަޒުމަކާއިއެކު އިތުރު ހިއްވަރުލައިގެން މަސައްކަތް ފަށަންވީ ވަގުތު."
ޤާސިމް އިބްރާހީމް ވިދާޅުވީ ޖޭޕީއަކީ ހުރިހާ ކަމެއްވެސް ހަމަހަމަކަމާއި އަދުލުވެރިކަމާއި އަދި އިންސާފުވެރިކަމާއިއެކު ކުރާ ޕާޓީއެއް ކަމަށެވެ. "އަބަދުވެސް މަސައްކަތްކުރަމުން މިގެންދަނީ ޤައުމުގެ ކަންކަން އިޞްލާޙްކުރުމަށާ ރައްޔިތުންގެ ކުރިއެރުމަށް، އެކަން ރައްޔިތުންނަށް ވަރަށް ރަނގަޅަށް އެނގޭނެ. އަބަދުވެސް މަސައްކަތްކުރަމުން މިގެންދަނީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ޤައުމުގައި އިންސާފު ޤާއިމުކޮށް އަދުލުވެރިކަމާއިއެކު ކަންކަން ކުރިއަށް ގެންދެވޭނެ މަގެއް ހޯދަން."
ޤާސމް އިބްރާހީމް ވިދާޅުވީ ޖޭޕީގައި މިހާރު ތިބި މެންބަރުންނަށާއި އަލަށް ގުޅޭ މެންބަރުންނަށް ވެސް ކުރިއަށް ދިއުމުގެ ފުރުޞަތު އަބަދުވެސް އޮންނާނީ ހުޅުވާލެވިފައި ކަމަށެވެ. އަދި ޖޭޕީން ކުރާ އެއްވެސް ކަމެއްގައި ވަކިފަރާތަކަށް ބުރަވެ ނޫފުޒުގެތެރެއިން އެއްެވެސް ކަމެއް ނުކުރާނެ ކަމަށާއި އެކަން މިހާރުވެސް ޕާޓީގެ މެންބަރުންނަށް ރަނގަޅަށް އެނގޭނެ ކަަމަށެވެ. "އެހެންވީމާ ވީހައި ގިނަ ބައަކު ޖޭޕީ އާއި ގުޅި ޖޭޕީން ކުރާ ޤައުމީ މަސައްކަތްތަކުގައި ބައިވެރިވެ އެހީތެރިވެދޭން އަޅުގަނޑު އިލްތިމާސްކުރަން."
ޤާސިމް އިބްރާހީމް ވިދާޅުވީ 12 މެންބަރުންގެ ގޮނޑިއަށް ގޮތެއް ނުނިމި އަހަރުވެ ދިގުލައިގެން ދިއުން މިއީ ވަރަށް ބޮޑަށް ކަންބޮޑުވާންޖެހޭ ކަމެއ ކަމަށެވެ. " އަޅުގަނޑު ދަންނަވާނީ 12 މެންބަރުން މާޔޫސްވުމެއް ނެތޭ. ގޮނޑި ގެއްލޭނެ އެއްވެސް ޤާނޫނީ ހަމައެއް ނެތޭ. ސްޕްރިމް ކޯޓަށް ގިނަގިނައިން ގޮސް އަވަހަށް މައްސަލަ ނިންމައިދޭތޯ އިލްތިމާސްކުރަންވީ."
އިންތިޚާބު ކައިރިވަމުން އަންނައިރު ޖުމްހޫރީ ޕާޓީގެ ދިދަ އާއި ލޯގޯ ބޭނުންކުރުން މަނާކުރި މައްސަލަ ނުނިމި ސިވިލްކޯޓުގައި ދިގުލަމުންދާކަން ފާހަގަކުރައްވައި ޤާސިމް އިބްރާހީމް ވަނީ ކަންބޮޑުވުން ފައުޅުކުރައްވައިފައެވެ.
އެމަނިކުފާނަށް ކުރިމަތިކުރުވާފައިވާ ޙާލަތުގެ ސަބަބުން މާޔޫސްވެވަޑައި ނުގަންނަވާނެކަމުގެ ޔަޤީންކަންވެސް ޤާސިމް އިބްރާހީމް ވަނީ ދެއްވަވައިފައެވެ. "އަޅުގަނޑުގެ މައްޗަށް އިއްވާފައިވަނީ ޣައިރު ޤާނޫނީ ޙުކުމެއް ކަމަށް އަޅުގަނޑު ޤަބޫލުކުރަނީ. އިސްތިއުނާފް މަރުހަލާގައި އޮންނަތާ އެތައް ދުވަހެއް ވެއްޖެ. ސްޕްރީމް ކޯޓުގެ ބެލެނިވެރިކަމުގައި މައްސަލަ ކުރިއަށް ގެންގޮސް ދިނުމަށްވެސް އެދިފައިވަނީ. އެހެންނަމަވެސް މާޔޫސްވެ ހިތްވަރު ދޫކޮށްލައިގެން ކުރިއަކަށް ނުދެވޭނެ." ކަމަށްވެސް ޤާސިމް އިބްރާހީމް ވިދާޅުވިއެވެ.
ޤާސިމް އިބްރާހީމް ވިދާޅުވީ ރާއްޖޭގެ ޙާލަތު ބަދަލުކުރުމަށްޓަކައި ޕާޓީތައް ގުޅިގެން ކުރިއަށް ދިއުމުގެ މުހިންމުކަން ވަރަށް ބޮޑު ކަމަށާއި އިރާދަކުރެއްވިއްޔާ ޕާޓީތައް އެގޮތުގައި ކުރިއަށްދާނެ ކަމަށެވެ.
މިރޭގެ ވާހަކަފުޅު ނިންމަވައިލައްވަމުން ވަނީ ވަރަށް އުފާވެރި ޚަބަރެއްވެސް ޖޭޕީގެ މެންބަރުންނަށާއި ސަޕޯޓަރުންނަށް ދެއްވައިފައެވެ. އެއީ މިމަހުގެ 20 ވަނަ ދުވަހުގެ ކުރިން ވަރަށް މުހިންމު އިތުރު ބޭފުޅަކު ޕާޓީއާއި ގުޅިވަޑައިގަންނަވާނެ ކަމުގެ ޚަބަރެވެ.